English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

މިމަހުގެ 3 ވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކުޑަކުއްޖަކު ނިޔާވި މައްސަލައާ ގުޅުންހުރި އެންމެންގެ ބަޔާން ހެލްތު މިނިސްޓްރީން ނަގައިފި އެވެ.

މިމަހުގެ 3 ވަނަ ދުވަހު ބަނޑަށް ތަދުވެ ހޮޑުލާތީ، ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކަން ގެންދިޔަ ސަދާ ސައުދުﷲ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.މި ގޮތުން ހޮސްޕިޓަލުން ޖެހި ނުބައި އިންޖެކްޝަނެއްގެ ސަބަބުން މާގިނައިރުތަކެއްނުވެ ކުޑަކުއްޖާ ވަނީ ނިޔާވެފައެވެ. އެ ކުއްޖާގެ އާއިލާއިން ބުނީ ސަދާ އަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެއް ކަމަށާއި އެ ކުއްޖާ ވަރަށް ގިނަ ބޭސްތަކަށް އެލާޖިކްވާކަން ޑޮކްޓަރަށްވެސް އެނގެންވާނެކަމަށެވެ.

ސަދާ މަރުވުމާ ގުޅިގެން އޭނާއަށް ފަރުވާދިނުމުގައި އަމަލުކުރި އުސޫލާއި އެކަމާ ގުޅޭ ހުރިހާ ލިޔެކިއުންތައް ހިއްސާކުރަން ހެލްތު މިނިސްޓްރީން ފުވައްމުލަކު ހޮސްޕިޓަލަށް އަންގާފައިވާއިރު އާއިލާގެ މިތުހުމަތުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ހޮސްޕިޓަލުގެ މުވައްޒަފުންނާއި،ކުއްޖާގެ އާއިލާގެ މީހުންގެ ބަޔާންވެސް ނަގާފަ އެވެ.

މި މައްސަލަ ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މި މައްސަލަ އާ ގުޅިގެން އެއްވެސް މީހެއްގެ އިހުމާލެއް ވާނަމަ، އެ މީހަކަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.