އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި އުމުރުން ދުވަސްވީ މީހަކު ބަނދެގެން ފަރުވާދޭން މަސައްކަތްކުރިކަމުގެ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
މީގެ 13 ދުވަސް ކުރިން ކޮވިޑް ފެސިލިޓިގައި އެދުމަތިކޮށްގެން ފަރުވާ ދޭން ފެށި އުމުރުން 85 އަހަރުގެ މީހަކު ބަނދެގެން ފަރުވާ ދިނުމަށް އެ ފެސިލިޓީގެ ޑޮކްޓަރުން މަސައްކަތްކުރި މައްސަލަ ފެންމަތިވެ، އޭނާގެ އާއިލާއިން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން ދުވަސްވީ މި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ. އަދި އޭނާގެ ހާލަތު އާއިލާއިން ވަރަށް ރަގަޅަށް ކިޔައިދީފައިވާއިރު، އާއިލާގެ ފަރާތުން އެހީތެރިއަކު ބެހެއްޓުމުގެ ހުއްދަ އަށްވެސް ވަނީ އެދިފައެވެ. އެހެންނަމަވެސް އާއިލާއަށް އެ ހުއްދަ ދީފައިނުވާއިރު ފެސިލިޓީގައި ބަލިމީހާއަށް އެކަށީގެންވާ ގޮތެއްގައި އަޅާނުލާކަމުގެ ތުހުމަތު ވެސް އާއިލާއިން ވަނީ ކޮށްފައެވެ. އަދި ކެއިން ބުއިމުގެ ކަންކަމުގައި ވެސް އަމަލުކުރާ ގޮތާމެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އާއިލާއިން ވަނީ އެތަނުގައި އެހީތެރިއަކު ބެހެއްޓުމަށް ހުއްދަ ނުދިނުމުގެ ބަލި މީހާގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ބުނެފައެވެ.
މީގެ އިތުރުން އާއިލާގެ ފަރާތުން އޭނާގެ ދަރިފުޅު އަބްދުﷲ ރަޝީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މިއަދު ކުއްލިއަކަށް ހޮސްޕިޓަލުން ގުޅާފައި އޭނަގެ ބައްޕަ ބަންނަން އާއިލާގެ ހުއްދަ ބޭނުންވެޔޭ ބުނި ކަމަށާއި، އެކަމަށް އެދުމުން އާއިލާއިން ދެކޮޅު ހަދާފައިވާކަމަށެވެ. އަދި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އަނެއްކާ ވެސް ހޮސްޕިޓަލުން އާއިލާއަށް ގުޅާ، އެއްޗެއްގައި ސޮއިކޮށްލަން ބޭނުންވާ ކަމަށް ބުނި ކަމަށްވެސް އަބްދުﷲ ރަޝީދު ވަނީ ބުނެފައެވެ. އަދި އެކަމާއި ބެހޭ ގޮތުން ސުވާލުކޮށް އެތަނަށް ދިއުމުން އެނގުނީ އެއީ “ޔޫރިން” ހޮޅި ގުޅަން ހުއްދައަށް އެދޭ ފޯމުގައި ސޮއިކުރުވަން ކަމަށާއި އެހެންނަމަވެސް އެ ފޯމުގައި ވެސް އާއިލާއިން ސޮއިކޮށްފައިނުވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ކަމާއި ބެހޭ އެއްވެސް ފަރާތަކުން އަދި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.