English Edition
Dhivehi Edition

ގާތްގަނޑަކަށް މަސްދުވަހަށްފަހު ރާއްޖޭގައި އެއްދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 1000އިން ދަށަށް ހިނގައްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އަލަށް ބައްޔަށް ފައްސި ވެފައިވަނީ 986 މީހުންނެވެ.

އެންމެ ފަހުން ހާހުން ދަށުން ކޮވިޑަށް ފައްސިވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު 7273 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ފައްސި ވެފައިވަނީ 954 މީހުނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ފަސް ހާހާއި ހަތް ހާހާ ދެމެދުގެ އަދަދަކަށް ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު ތިންހާހާ ގާތަށް މީހުން ފައްސިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޮވިޑަށް ފައްސިވި 986 މީހުންގެތެރެއިން ގިނަ މީހުން ފައްސިވެފައިވަނީ އަތޮޅުތަކުންނެވެ. 596 މީހުންވަނީ އަތޮޅުތަކުން ކޮވިޑަށް ފައްސިވެފައެވެ. މާލެއިން ފައްސިވެފައިވަނީ 206 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން 109 މީހުންނާއި ސަފާރީތަކުން 3 މީހުން ފައްސިވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 156903 އަށް އަރާފައެވެ.

ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު މަދުވަމުންދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 16227 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 49 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރު 967 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 140376 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޮވިޑްގެ އާ ވޭރިއަންޓާއެކުއެވެ.

ޓެގު