English Edition
Dhivehi Edition

ގދ. ނަޑެއްލާ ބަނދަރު މަތީގައި ތަރައްގީކުރި އެރަށުގެ ނަން ރަމްޒުކޮށްދޭ “ވިޒިޓް ނަޑެއްލާ” މޮނިއުމަންޓް ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

ރޭގަނޑު ދިއްލިފައި ހުންނަ ގޮތަށް ތައްޔާރު ކުރެވުނު އެ މޮނިއުމަންޓް ކައުންސިލާ ހަވާލުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މޮނިއުމަންޓް އަކީ ދިގު މިނުގައި 26 ފޫޓު، ފުޅާ މިނުގައި 05 ފޫޓު އަދި އުސް މިނުގައި 07 ފޫޓު ހުންނަ މޮނިއުމަންޓް އެކެވެ.

ގދ. ނަޑެއްލާ ރަށު ކައުންސިލް އިދާރާގެ އިރުމަތީފަރާތުން ދޫކުރި ބިމެއްގައި ގާއިމްކޮށްފައިވާ މޮނިއުމަންޓްގެ މަސައްކަތް ކޮށްފައިވަނީ އެ ރަށު އިންޖީނުގޭގެ މަސައްކަތް ކުރަމުން އަންނަ ފެނަކަ ޓީމުންނެވެ.

އެ މޮނިއުމަންޓްގެ އަމަލީ މަސައްކަތް މިދިޔަ މަސްތެރޭގައި ފަށާފައިވާއިރު އެ މަސައްކަތުގައި ފެނަކަ ޓީމުގެ އިތުރުން، އެމް.ޑީ.ޕީ ގެ މަޑަވެލި ދާއިރާގެ ގައުމީ މަޖިލިސް މެންބަރު އިބްރާހިމް ނާފިޒް (ޗިކާ)ގެ އިސްނެގުމުގެ މަތިން ރަށުގެ ޒުވާނުންވެސް ބައިވެރިވެފައިވެއެވެ.

ގދ. ނަޑެއްލާގައި މިފަދަ މޮނިއުމަންޓެއް ބަހައްޓާފައިވާއިރު، އެ އަތޮޅު މަޑަވެލި އަދި ވާދޫގެ ބަނދަރު ސަރަހައްދުގައި ވެސް އެފަދަ މޮނިއުމަންޓެއް ވަނީ ބަހައްޓާފައެވެ.