English Edition
Dhivehi Edition

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން “ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު” އިފްތިިތާޙް ކޮށްފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، “ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު”،އިފްތިތާޙްކޮށް ދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ.

ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ސިޔާސަތަކީ، މިހާރުގެ ސަރުކާރުން ދޮށީ ޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ވަޢުދުގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތެއްކަމާއި، ސަރުކާރުގެ މި ވަޢުދު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި، މި ސިޔާސަތު އެކުލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ލަފާފުޅާއި އިރުޝާދުތަކަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމެއްގެ ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުން ކަމަށާއި، ހަމަ އެއާއެކު އެ ޤައުމެއްގެ އެންމެ އަގުބޮޑު ޚަޒާނާއަކީ އެ ޤައުމެއްގައި ދިރިއުޅުއްވާ ދޮށީ ޢުމުރުގެ ބޭފުޅުންކަމުގައި ބަޔާން ކުރެއްވިއެވެ. އަދި، އެބޭފުޅުންނަށް އެހާބޮޑު ޤަދަރެއް އަޅުގަނޑުމެން ދޭންޖެހޭ ސަބަބަކީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށް އެބޭފުޅުންގެ ހަޔާތުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.