English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ކޮވިޑް-19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު އުވާލާއިފިއެވެ.

ވިލިނގިލި މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހުގައެވެ. އެހެންވެ، އެ ރަށުގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލާފައި ވަނީ 16 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމެއްގައި ވަނީ އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ވިލިނގިލި މޮނިޓަރިން ޙާލަތަށް ގެނައީ ފުލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވުމާއި ގުޅިގެންނެވެ. ވިލިނގިލީގެ %99 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު ޕީ.ސީ.އާރް ޓެސްޓް ނަހަދާ ދަތުރުކުރެވޭނެ ރަށްތަކުގެ ލިސްޓުގައި އެރަށް ހިމެނެއެވެ.