English Edition
Dhivehi Edition

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުގެ މަޖިލީހުގެ ތަޅުމުގައި ދެއްކި ވާހަކަތައް މަޖިލީހުގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިއްބައިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދައުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް އެ އިމްތިޔާޒް ލިބޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް މެމްބަރުން ދައްކާ ވާހަކަތަކަށް ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

އިއްޔެ މަޖިލީހުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޖާބިރު ވަނީ ދީނީ މިނިވަންކަން ދިނުން އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާންގެ ސޫރަތުލް ކާފިރޫންގެ ހަތަރު ވަނަ އާޔަތް ވިދާޅުވަމުން ޖާބިރު ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. މިއީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުން މަޖިލީހުގެ މެންބަރަކު މިހާފާޅުކަން ބޮޑު ގޮތެއްގައި ގޮވާލި ފުރަތަމަ ފަހަރެވެ.

ޖާބިރުގެ މި ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައިވާއިރު މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ ތަޅުމުގައި ޖާބިރު ދެއްކެވި ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބަލަންޖެހޭ ކަންތައްތައް ބަލައި އެ މައްސަލަ ތަހުގީގު ކުރައްވަމުންދާ ކަމަށެވެ.

1 ކޮމެންޓް
ހަސަނުގ
ސެޕްޓެމްބަރު 30, 2021
ކޮބާ ފެނޭ. މިތަނަށްވެސް އެދަނީ ބޮއެލައިގެން.