English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް ގެނެސްފިއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ “އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް” އާއެވެ

މި މަޝްރޫޢުގެ ދަށުން މަގު ހެދުމަށް ބޭނުންވާ ހެވީ ވެހިކަލްތަކުގެ ކޮންޓެއިނަރުތައް އިއްޔެ އައްޑޫ ސިޓީއަށް ގެނެސްފައިވާއިރު އައްޑޫ އަށް ގެނައި ސާމާނުތަކުގެ ތެރޭގައި އެކްސްކެވޭޓަރާއި ވޭނާއި މަގު ހަދަން ބޭނުން ކުރާ އެހެނިހެން ސާމާނު ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމާއި، އައްޑޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ގާއިމްކުރުމެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާނެއެވެ. އަދި ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔަރ އެޅުމަށް ހަމަޖެހިފައިވާއިރު މި ސީއެސްބީ ލޭޔަރުގެ މަގުސަދަކީ ގާއިމް ކުރެވޭ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކޮށްދިނުމެވެ.

މީގެ އިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމުލަ 3.4 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި މަގުތަކުގައި މަގުބައްތި ޖެހުމާއި، ސީސީޓީވީ ކެމެރާ ހަރުކުރުމާއި އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކުރެވޭނެއެވެ.

މިމަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމްކުރާނެއެވެ.