English Edition
Dhivehi Edition

ދަރިންނަކީ ކޮންމެ ދެމަފިރިއަކަށް މާތްﷲ ދެއްވާފައިވާ ނިޢުމަތެކެވެ. ކޮންމެ މަންމަ އެއްގެ ބަނޑުގައި އެދަރިފުޅެއް ނުވަމަހާއި ދިހަދުވަސް ވަންދެން އެހޭދަކުރަމުންދާ ދުވަސްތަކާއި އެވަގުތުތަކަކީ ކޮންމެ މަންމަ އަކާއި ބައްޕަ އަކަށް ލިބިގެންދާނެ އެންމެ އުފާވެރި ދުވަސްތަކެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ލޮލުގެ ކޮއިފަދައިން ބަލާބޮޑުކުރަމުންދާ އެ ދަރިންނަށް ކުޑަނަމަވެސް ގެއްލުމެއް ވިޔަނުދީ އެމައިންބަފައިން ކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރެއެވެ. އާޚިރަތުގައި މައިންބަފައިންނާއި ޙަވާލުވެފައިވާ ދަރިންބަލާބޮޑުކޮށް ތަރުބިއްޔަތުކުރުމުގެ އެބޮޑު އަމާނާތާމެދު ސުވާލުކުރެވޭނެކަން ކަށަވަރެވެ. މިކަމުން ދޭހަވަނީ އިސްލާމްދީނުގައި ކުޑަކުދިންނަށް ދީފައިވާ އަހައްމިއްޔަތު ކަމެވެ.

ކުރީގެ ޖާހިލީ ޒަމާނުގައި ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެންނާއި ކުޑަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކޮށް އުޅޭ ވާހަކަ އަޑުއަހަމެވެ. ނަމަވެސް ޒާމާން ތަރައްޤީވެ 21 ވަނަ ޤަރުނުގެ ތެރޭ އަހަރުމެން ދިވެހިންވެސް ދިރިއުޅެމުން ދާއިރު ދިވެހިން އަދިވެސް މިކަންތައްތަކަށް ހޭލުންތެރިނުވަނީ ހޭ ހިތަށް އަރައެވެ. މިހާރު އެންމެ ގިނައިން އަޑުއިވޭ އެއް ވާހަކަ އަކީ ކުޑަ ކުދިންނަށް ނުވަތަ ކޮންމެ ވެސް އެއް އުމުރުގެ މީހަކަށް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ ވާހަކަތަކެވެ. މި ކުޑަ ކުޑަ ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު މިފަދަ ބަދު އަޙުލާޤީ ވާހަކަތަކުގެ އަޑު އިވިގެން ދިއުމަކީ ވަރަށް ވެސް ހިތާމަވެރި އަދި އެހާމެ ލަދުވެތި ވާންޖެހޭ ކަމަކެވެ.

ނަމަވެސް މިހާރު މި ވަނީ ހުރިހާ ކަމެއް ލޯކުރިމަތީގައި ބަދަލުވެފައެވެ. އެ ކުދިންނަށް އިންސާފު ހޯދުމުގެ ބަދަލުގަ އާއިލާގެ އިއްޒަތާއި ޤަދަރައްޓަކައި ގިނަ ފަހަރު މައިންބަފައިން ދަނީ އެކަންތައް ސިއްރުކުރަމުންނެވެ. ސުވާލަކީ މައިންބަފައިންނަށް މުހިއްމުވަނީ އެމީހުންގެ އާއިލާގެ އިއްޒަތްތޯ؟އެވެ. ގިނަ ފަހަރު މި ކަންތައް ސިއްރުކުރެވެންޖެހޭ މައިގަނޑު ސަބަބަކަށް ވެފައިވަނީ އާއިލާގެ ގާތްމީހަކު ނުވަތަ އިތުބާރުކުރެވޭ މަޤާމެއްގައި ހުންނަ މީހެއްގެ ފަރާތުން މި އަނިޔާތައް ލިބޭލިބުމެވެ.

ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. އެކުދިންނަށް ހިމާޔާތް ދިނުމަކީ އަހަރުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އެކުދިން ދިރިއުޅޭ ގެއާއި ކޮޓަރި، މަދުރަސާ އަދި ކުލާސްރޫމް ފަދަ ތަންތަނަކީ ކުޑަކުއްޖެއްގެ ހަޔާތެއް ފެށިގެން ހެދި ފޯދެމުން އަންނަ އިރު ހިޔާވެހިކަމާއި ރައްކާތެރިކަން ޔަޤީން ކޮށްދޭންވާނެ މުހިންމު ބިނާތަކެވެ. ކިޔަވާދޭ މުދައްރިސުންނަކީ އަހަރުމެންގެ ދެވަނަ މަންމަ އޭ ބުނާ އަޑުއަހަމެވެ. ލޯބިވާ ކާފަ އާއި މާފަ އަދި ބޭބޭ އާއި ކޮއްކޮ އަކީ އެއްބަޑު އަޚުން އުޚުތުން، މަންމައިންނާއި ބައްޕައިންނެވެ. އެމީހުންގެ ކިބައިން ނުލިބުނު ހިމާޔަތެއް ބޭރުން އަންނަ ދުރުހިލޭ މީހާގެ ކިބައިން ލިބޭނެތޯ މިއީ މިއަދު ކުރެވޭ އެންމެ ބޮޑު ސުވާލެވެ.

މި އަދު މި ވާހަކަތައް ދައްކަން މި ޖެހުނީ ގއ ކޮލަމާފުށީގެ ސުކޫލު ދަރިވަރަކަށް ކިޔަވައިދޭ ޓީޗަރަކު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގެ ވާހަކަތައް މީޑިޔާގެ ފަލަ ސުރުޚީ ތަކާއި މާހަޢުލުގައި އަޑު ގަދަވެފައި ވާތީއެވެ. ގއ ކޮލަމާފުއްޓަށް އުފަން އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިދޭސީ ޓީޗަރަކު ޓިއުޝަން ގަޑީގައި އޭނާގެ ގަޔަށް އަތްލި ކަމުގެ ވާހަކަ މިއަދު މިވަނީ ފެންމަތިވެފައެވެ. މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުމާއި އެކު އެ ޓީޗަރު ވަނީ 30 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފައެވެ. މިހާހިސާބުން ދެން އުފެދޭ ސުވާލަކީ މި ކުއްޖާއަށް އިންސާފު ލިބޭނެތޯއެވެ. މިފަދަ މައްސަލަތައް ނިންމުން ލަސްވެ އިންސާފު ލިބުންވެސް ލަސްވުމުގެ ޘަޤާފަތެއް ރާއްޖޭގައި އަބަދުވެސް އޮވެއެވެ. މީހާ ހައްޔަރު ކުރެވޭ ހިސާބަށް ދަނީވެސް ޢާއްމުން ނުކުމެ ހަޅުތާލުކޮށް އަޑުއުފުލައިގެންނެވެ. މީގެ ދުވަސްތަކެއް ކުރިން މުޅި ރާއްޖެ ގުގުމާލި ޙާދިސާގެ މަތިން ހަނދާންވޭތޯއެވެ. އުމުރުން އެންމެ 2 އަހަރު ނުވާ ތުއްތު ތުއްތު ކުއްޖަކަށް ގއ ކަނޑުހުޅުދޫގައި އެރަށު އަންނާރުމާ ގޭގެ 3 ބަފައިން ވެގެން ޖިންސީ ގޯނާކުރި ކަމުގެ ވާހަކައެވެ. ލޯބިވާ ބައްޕަ އާއި ކާފަ އަދި މުނި ކާފަ ހިމެނޭހެން އެކުއްޖާފުޅުގެ ޢިއްޒަތާއި ކަރާމާތް ވެއްޔާ މޮޑެލި އިރު ރަހުމުގެ ކަންފުޅެއް ވެސް ނެތީއެވެ. މި ކަމުގެ އަޑުފައްގަނޑާ އެކު ޒުވާނުންނާއި ކުދިބޮޑު އެންމެން ރަށް ރަށުގައި މުޒާހަރާކޮށް ސޯޝަލް މީޑިއާގައި ރޭޕް އާއި ދެކޮޅަށް އަޑުއުފުލައި އަދުލު އިންސާފް ޤާއިމް ކޮށްދިނުމަށް އެދި ކެމްޕައިން ތަކެއް ފެށިއެވެ. ކެކި އުތުރި އަރަންފެށި ރައްޔިތުން މައިތިރިކޮށްލުމަށް އެހެންޏާވެސް ކަންކުރާ ބީދައިން ކުށްކުރި ޢައްދާރުން ހައްޔަރަށްގެންދިއުން ފިޔަވައި ކުރެވުނު ކަމެއް އެބައޮތްހެއްޔެވެ. އެކަމަކު މި ކަންތައްތަކުގެ ވާހަކަ ސީރިއަސްކޮށް ނަގާނެ އަޑުއަހާނެ ސަރުކާރެއް ނެތެވެ. މީ މިމުޖުތަމަޢުން ނައްތާލަން ޖެހޭ ވަބާއެކެވެ. އެހެން ނޫންނަމަ ދަރިއަކަށް އޭނާގެ މައިންބަފައިން ނާއި އާއިލާ އަދި ޓީޗަރަކަށް އިތުބާރެއް ނުކުރެވޭނެއެވެ. މިއަދުގެ ކުޑަ ކުދިންނަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދައި ދިނުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާ އެކެވެ. ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަމާ ހިންގަވާށެވެ. އެކުދިންނަށް އިންސާފު ހޯދައިދެމާތޯއެވެ.