English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ،

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަން (ގއ.، ގދ.، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ހުށަހެޅި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު އުމުރުން 59 އަހަރުގެ ދިވެހި ފިރިހަނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ހަތަރު ދުވަސް ޖަހާފައިވާއިރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ނިސްބަތް އިތުރުވަމުން އަންނައިރު ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު އާންމުކުރެއެވެ. މި ގޮތުން މި މަހުގެ 07 ވަނަ ދުވަހާ ހަމައަށް މި ފަދަ މައްސަލަތަކުގައި 31 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ 3 މީހަކަށް މައާފް ދެއްވާފައެވެ.