English Edition
Dhivehi Edition

ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެކުލަވާލި ޕެރިސް މުއާހަދާ އިން އެމެރިކާ ވަކިވެގަތުމަކީ، ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. މީގެ ދެ އަހަރު ކުރިން، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދެ ވަނަ ދައުރުގައި ދުނިޔޭގެ 195 ގައުމަކުން ސޮއިކުރި މި އެއްބަސްވުމުން އެމެރިކާ ވަކިވީ، އެއީ އެގައުމުގެ އިގްތިސޯދާއި އަމިއްލަވަންތަ ކަމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މުއާހަދާގައި ސޮއިކުރުމަށްފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ، މިދިޔަ އަހަރު އެމެރިކާއިން ރަސްމީކޮށް އެ މުއާހަދާގައި ބައިވެރިވެ އެ ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ޕެރިސް މުއާހަދާއަކީ އެމެރިކާއަށް ކަމުދާ މުއާހަދާއެއް ނޫން ކަމަށް ބުނެ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ މުއާހަދާއިން އެމެރިކާ ވަކިވުމަށް ނިންމާފަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ބޮޑެތި ކުންފުނިތަކުން ޑޮނަލްޑް ޑްރަމްޕަށް ފާޑުކިޔުންތައް ދަނީ އަމާޒު ވަމުންނެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ރައީސް ޔާމީން ވިދާޅުވީ، އެމެރިކާގެ މި އަމަލާ މެދު، ކުދި ގައުމުތަކުގެ އިއްތިހާދު، (އޭއޯއެސްއައިއެސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެ އިން ހިތާމަކުރާ ކަމަށެވެ. އަދި މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ވިއްސިވިހާލުމުގެ އިތުރުން، މިކަމާ ގުޅޭގޮތުން ގައުމުތަކުން އެއްބަސްވެފައިވާ އެކި އެއްބަސްވުންތައް މަޑުޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެއަދި މި ކަމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތައް ލިބުނު ގޮންޖެހުމެއްގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައު ހިންގުމަށް ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގައި ފަހަތަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ 37 ގައުމު ހިމެނޭ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުންނާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމަކަށް ރާއްޖެ ވެފައިވާއިރު، އެހާ މުހިއްމު ކަމަކާ ގުޅޭގޮތުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ހިމެނޭ އެމެރިކާ އިން އަމަލު ކުުރި ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. “މިކަހަލަ ނާޒުކު މައްސަލައަކަށް ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުން ޒިންމާ ނުނަގާ ވަކިވުމަކީ އދ. ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއިން ހިތާމަ ކުރައްވާ ކަމެއް،” ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ރައީސްގެ ބަޔާނުގައި ވިދާޅުވީ، ޕެރިސް މުއާހަދާގައި އެމެރިކާ އިން ބައިވެރިނުވާނެކަން އިއުލާން ކުރި ނަމަވެސް، ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން އެ އެއްބަސްވުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މޫސުމީ ސަމިޓެއް ބޭއްވުމަށް ޗައިނާއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމާފައިވާއިރު، އޭގައި އިންޑިއާ އަދި ބްރެޒިލް ފަދަ ގައުމުތަކުން ވެސް ބައިވެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.