އެވިޑް ކޮލެޖްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި ބައިވެރުވުމަށް އެ ކޮލެޖްގެ ޓީމެއް ގދ. ތިނަދޫއަށް ވަަޑައިގެންފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމަންޓް ބޭފުޅުންނާއި ބައެއް މުވައްޒަފުން ތިނަދޫއަށް ވަޑައިގެންނެވުމުން، އެ ޓީމަށް ތިނަދޫ ރަސްމީ ފާލަމުން މަރުހަބާ ކިޔާފައިވަނީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގެ އިސްވެރިންނާއި މުވައްޒަފުންނެވެ.
އެ ކޮލެޖްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ތިނަދޫގައި ބޭއްވޭ ހަރަކާތްތަކުގެ ތެރޭގައި ބަހުސްކުރުން، ވާހަކަ މުބާރާތް، ފުޓްބޯޅަ މެޗް، ކުޑަކުދިންގެ ހަވީރު އަދި މައުލޫމާތު ސެޝަންތަކެއް ހިމެނެއެވެ.
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހަށް ބަހާލައިގެން މި އިވެންޓްތައް ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމަށް ރޭވިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެވިޑްގެ އަހަރީ ދުވަހާއި ގުޅުވައިގެން މި މަހުގެ 24 އިން 28 އަށް އެވިޑްގެ ސީނިއަރ މެނޭޖްމަންޓް އިން ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެވިޑް ކޮލެޖްގައި ތައުލީމީ ދާއިރާގައި ހުޅުވިފައިވާ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިދިނުމަކީ މިދަތުރުގެ ބޭނުން ކަމަށް އެ ކޮލެޖުން ވަނީ މައުލޫމާތު ދީފައެވެ.