English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ހިޒް އެކްސެލެންސީ ގައި ޕާރމެލިން އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ. އެގޮތުން ކޯވިޑް-19 ޕެންޑަމިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުޟޫޢުތަގެ މައްޗަށް ދެ ބޭފުޅުން ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްވިޒަރލެންޑުގެ ކޯވިޑްގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށްޓަކައި ސަރުކާރުން އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކުގެ މަޢުލޫމާތު ސްވިޒަރލެންޑްގެ ރައީސްއާ ޙިއްޞާކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯވިޑް-19 ޓްރެވަލް ސެޓްފިކެޓްގެ ނިޒާމެއް ޤާއިމުކުރުމަށް ދެ ބޭފުޅުން ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، ކްލައިމެޓް އިމަރޖެންސީއާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ކުރިމަތިވާ ކްލައިމެޓް ފައިނޭންސިންގެ މައްސަލަ ޙައްލުކޮށްދިނުމަށް ޔޫރަޕުގެ ޢިއްތިހާދުގެ އިސްނެގުމުގެ މަތިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމުގެ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފުސީލު ޙިއްޞާކުރެއްވިއެވެ.

ސްވިޒަރލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030ގެ ނިޔަލަށް 45 އިންސައްތަ ދަށްކުރުމާއި، އަދި 2050 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ޙާޞިލުކުރުމުގެ އަމާޒަށް ޤައުމުތަކުން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއްގެ ވެރި ޤައުމުތަކަށް ކްލައިމެޓް ފައިނޭންސިންގގެ ފުރުސަތުތައް ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ލިބެމުންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ޓެރަރިޒަމާއި، ޙައްދުފަހަނަ އަޅައިދިއުމުގެ ހުރިހާ ބާވަތެއްގެ ޢަމަލުތައް ހުއްޓުވުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ސްވިޒަރލެންޑާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ޖޫން 23 ގައެވެ.