English Edition
Dhivehi Edition

މަނީ ލޯންޑްރިން ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ނުގެންދިއުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްުގެ ފަރާތުން ހުށަހެޅި، ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
މިއަދުގެ ޝަރީއަތް ފަށަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ސިއްހީ ހާލަތު ތަން ނުދޭތީ ރައީސް ޔާމީންގެ ފަރާތުން ޑޮކްޓަރުންގެ ބައެއް ލިޔެކިއުން ހުށަހަޅާފައިވާކަމަށާއި، އެހެންވެ އެއަށް ރިއާޔަތްކޮށް މިއަދުގެ މެންދުރުގެ ސެޝަން ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ބަދަލުތައް ގެނައި ނަމަވެސް، ޝަރީއަތުގެ ޝެޑިއުލްއަށް ބޫރުތަކެއް އަންނަކަމުގައި ވާނަމަ ބައެއް ދުވަސްތަކު ޝަރީއަތް މެންދުރު ވެސް ކުރިޔަށް ގެންދަން ޖެހިދާނެކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން 05 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިވަގުތު ކުރިޔަށް ދަނީ މައްސަަލައިގެ އިސްތިއުނާފު އަޑުއެހުންތަކެވެ. ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 12 ގައި ފަށާ، އަޑުއެހުންތައް ތާވަލު ކުރެވިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދާށެވެ. އެއީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް، އަދި އެއް ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު 13:00 އިން ފެށިގެން 15:00 އަށެވެ.