English Edition
Dhivehi Edition

ވިލިނގިލީގައި ކުރިއަށްދިޔަ އިންޓަރ އޮފީސް ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިލިނގިލި ކައުންސިލް ހޯދައިފިއެވެ.

މިއަދު ފައިނަލް މެޗް ވާދަވެރި ރޫހެއްގައި ކުޅެފައިވާއިރު، ވިލިނގިލި ކައުންސިލް ވަނީ އެސްޓީއޯ ވިލިނގިލި ބަލިކޮށް މުޅި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެގޮތުން ވިލނގިލި ކައުންސިލް 10 ލަނޑު 5 ފޯލި ދީފައިވާއިރު އެސްޓީއޯ ވަނީ 9 ލަނޑު 3 ފޯލި ދީފައެވެ.

ފައިނަލް މެޗްގެ ވެސް ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިލިނގިލި ކައުންސިލް ޓީމުގެ ޝަފީ ނާޒްއެވެ. ހަމައެހެންމެ، ފައިނަލް މެޗާ އެއްކޮށް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވާއިރު ނާޒް ވަނީ މުބާރާތުގެ ރާނީ ކަމާއި، އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ޖެހުންތެރިޔާ އަދި އެންމެ މޮޅު ހިފުންތެރިޔާ މަޤާމުވެސް ހޯދައިފައެވެ.

މުޅި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ މަޤާމް ހޯދައިފައިވަނީ ގއ އަތޮޅު ތަޢުލީމީ މަރުކަޒު ތީމުގެ ޝާއި އެވެ.

މި މުބާރާތުގެ އެންމެ ގަދަ 8 ކުޅުންތެރިންގެ ގޮތުގައި ހިމެނުނީ

ނާޒް (ވިލިނގިލި ކައުންސިލް)

މިޒްޔާނާ (އަތޮޅު ކައުންސިލް)

ނަޒީހާ (ވިލިނގިލި ކައުންސިލް)

ސަާފްމަލާ (ވިލިނގިލި ކައުންސިލް)

ނިއުމާ (އެސްޓީއޯ)

ނަސްރާ (އެސްޓީއޯ)

ޝާދިޔާ (އެސްޓީއޯ)

ޝިޢުނާ (ގއ އަތޮޅު ތަޢުލީމީ މަރުކަޒު)

މި މުބާރާތުގެ ފެއަރ ޕުލޭޓީމަކަށް ހޮވިފައިވަނީ ވިލިނގިލި އަންހެނުންގެ ކޮމިޓީއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ ޗެމްޕިއަން ޓުރޮފީ އާއި މެޑަލް އަދި 3000ރ ފައިސާގެ އިނާމެއް ދީފައެވެ. ރަނައަޕް ޓީމަށް ވަނީ ޓްރޮފީ އާއި މެޑަލް އަދި 1500ރ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތަކީ ވިލިނގިލީގައި ކުރިއަށް ދިޔަ ފުރަތަމަ މުބާރާތް ކަމުން މި މުބާރާތަށް ލިބުނު ތަރުޙީބަށް ބަލައި ކޮންމެ އަހަރެއްގަވެސް އޮފީސް ތަކަށް އަމާޒްކޮށް މި މުބާރާތް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ވިލިނގިލި ކޮމިއުނިޓީ ސެންޓަރުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަޒްމާ ހިލްމީ ވަނީ ދެއްވާފައެވެ.