English Edition
Dhivehi Edition
ކީރިތި ޤުރްއާނުގެ ޤަމަރް ސޫރަތުގެ 54 ވަނަ އާޔަތާއި، 55 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. إنّ المتقين فى جنات ونهر، فى مقعد صدق عنك مليك مقتدر “ހަމަ ކަށަވަރުން ތަޤްވާވެރިން ވަނީ، ސުވަރުގެތަކާއި، ބާވަތް ބާވަތުގެ ކޯރުތަކުގެ ނިޢުމަތުގައެވެ. ހިތް ހަމަ ޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ ޙަޟުރަތުގައެވެ.”

ކީރިތި ޤުރްއާނުގެ މި ދެ އާޔަތާއި، ބައެއް އާޔަތްތައް މުޠާލިޢާ ކުރީމާ އެނގޭ ގޮތުގައި ސުވަރުގޭގެ ދެ ދަރަޖައެއް ވެއެވެ. އެއް ދަރަޖައަކީ ކައިރީގައިވާ ސުވަރުގެއެވެ. ދެވަނަ ދަރަޖައަކީ ދުރުގައިވާ ސުވަރުގެއެވެ. ކައިރީގައިވާ ސުވަރުގެއަކީ ﷲ އާ ބޮޑަށް ކުއްތަން ވެފައިވާ ދަރަޖައެވެ. މި ދަރަޖައަކީ މަތިވެރި ދަރަޖައަކަށް ﷲ މަޢުރިފާ ކޮށްގަންނަ ބަޔަކަށް އޮންނަ ދަރަޖައެކެވެ. ދުރުގައިވާ ސުވަރުގޭގެ މުރާދަކީ ކައިރީގައިވާ ސުވަރުގޭގެ ދަރަޖައަށްވުރެ ދުރުގައިވާ ދަރައެކެވެ. އެ ދަރަޖައިގައި ލައްވާނީ ޢާއްމު އީމާންކަމުގެ އަހުލުވެރީންނެވެ. ޢާޢްމު އީމާންކަމުގެ އަހުލުވެރީންވެސް ހިމެނޭނީ ސުވަރުގޭގެ އަހުލުވެރީން ކަމުގައެވެ. އެކަމަކު އެ މީހުން ލައްވާނީ އެންމެ މަތީ ދަރަޖައިގައެއް ނޫނެވެ.

މަތިވެރި ދަރަޖައަކަށް ﷲ މަޢުރިފާ ކޮށްގަންނަ މީހުންނަކީ ކީރިތި ޤުރްއާނުގައި والذين آمنو أشدّ حبّا للّـه “އަދި އީމާންވީ މީހުން ﷲ ދެކެ ލޯބިވުން މާ ބޮޑެވެ.” (ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގެ ބައެއް) މި ފަދައިން ބަޔާން ކުރައްވައިފައިވާ މީހުންނެވެ. މިއީ ތިމާގެ ހިތާއި ސިކުނޑިއާއި މުޅި ވުޖޫދަށް ބާރު ފޯރުއްވަވާ މަތިވެރި އިލާހަކީ ﷲ ސުބްޙަނަހޫ ވަތަޢާލާ ކަމުގައި ހިތުގެ އަޑީން ފުރިހަމައަށް ގަބޫލު ކޮށް، އެކަން ތިމާގެ ޢަމަލުން ފިސާރި ރަނގަޅަށް ދައްކާ މީހުންނެވެ. އެފަދަ މީސްމީހުންގެ ހުރިހައި ލޯތްބެއް ވަގުފު ކުރާނީ ސީދާ ﷲ އަށެވެ. އެ މީހުންގެ އެންމެ ބޮޑު މަގްސަދަކަށް ވާނީ ﷲ ގެ އެއްކައުވަންތަ ކަމަށް ފުރިހަމައަށް އީމާން ވުމެވެ. ވިސްނުމުގެ މިސްރާބު ހުންނާނީ ﷲ އާ ދިމާ އަށެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެހެން ދިމާއަކަށް އަނބުރައެއް ނުލާނެއެވެ.

ﷲ ދެކެ ވާ ލޯބި މި ފަދަ މަތިވެރި ދަރަޖައަކަށް ގެންދާ މީހާ ދިރިއުޅޭނީ ސީދާ ﷲ ގެ ޙަޟްރަތުގައި ދިރިއުޅޭ މީހެއް ފަދައިންނެވެ. މި ދުނިޔޭގައި އޭނާ ﷲ ގެ ގާތްކަން އިޙްސާސް ކުރާނެއެވެ. އެކަމަކު ދުނިޔޭގައި ﷲ ގެ ގާތްކަން އޭނާ އިޙްސާސް ކުރާނީ ނަފްސިއްޔާތީ ފެންވަރުގައެވެ. އާޚިރަތް ދުވަހުން ސީދާ ޖިސްމާނީ ފެންވަރުގައި ﷲ ގެ ގާތްކަން އޭނާއަށް ލިބޭނެއެވެ. ދުނިޔޭގައި ﷲ ގެ ގާތް ކަމުގެ ތަޖްރިބާ ކުރުމަށް ފަހު އާޚިރަތް ދުވަހުން އެ ގާތްކަމުގެ އެންމެ މަތީ ދަރަޖައަށް އޭނާ ވާސިލު ވާނެއެވެ.