ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށާއި އެ މަނިކުފާނަކީ މާ ގިނަ މަސައްކަތް ކުރައްވާ އުޅުއްވި ބޭފުޅެއް ނޫން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނާޒިމް މިހެން ވިދާޅުވީ “އަވަސް އޮންލައިން” ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަމުންނެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭނާއަށް ގިނަ މަސައްކަތްތަކެއް ހަވާލު ކުރެއްވި ކަމަށެވެ. މި ގޮތުން ޑިފެންސް މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓްރީ ހިންގުންވެސް ނާޒިމާއި ވަގުތީ ގޮތުން ހަވާލު ކުރެއްވިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އޭނާ ކުރައްވާ ގިނަ މަސައްކަތްތައް ފާހަގަކުރެވެމުން ދިޔަ ކަމަށެވެ. އެހެންކަމުން ޓީވީން ވެސް ވަރަށް ގިނައިން އޭރު ފެނުނު ކަމަށާއި އެކަމާއި ގުޅިގެން ރައީސް މާ ބޮޑަށް މޭކަރާ ގޮތް ވާން ފެށީކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރައީސްއަށް ވުރެ ގިނައިން ނާޒިމް ޓީވީއިން ފެނުނު ކަމުދާ ގޮތަކަށް ނުވިކަމަށްވެސް އޭނާ ވަނީ ވިދާޅުވެައެވެ.
އިތުރަށް ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށާއި މާ ގިނަ މަސައްކަތް ކުރައްވާ އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ރައީސް އަރިހުގައި ތިއްބެވި ބޭފުޅުން ވިސްނައިދެއްވީ 2018 ގައި ޔާމީނަށް އޮތް ބިރަކަށް އޭނާ ވެދާނެ ކަމުގައެވެ.
ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ނާޒިމް ހުންނަވަނިކޮށް މަގާމުން ދުރުކުރީ ގެއިން ފިސްތޯލައެއް ފެނުމާއި ގުޅިގެންނެވެ. އެ މައްސަލާގައި ނާޒިމް ހައްޔަރުކޮށް 11 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.