މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ހޯނޑެއްދޫ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެއްޖެއެވެ.
ރޭ 11 ޖެހީއްސުރެ މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހޯނޑެއްދޫގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ހިސާބުތަކުގައި ދޮޅުފޫޓަށް ފެންބޮޑުވެފައިވާކަމަށް ހޯނޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ވާރިޝް މައުލޫމާތު ދެއްވިއެވެ.
‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެއްވަމުން ވާރިޝް ވިދާޅުވީ ރޭ ފަތިހުން ފެށިގެން ކައުންސިލް އިދާރާގައި މިފަދަ ދަނޑިވަޅުތަކުގައި ބޭނުންކުރުމަށް ބެހެއްޓިފައިފާ ޕަންޕު ތަކުގެ ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ވާރީޝް އިތުރަށް ވިދާޅުވީ ހޯނޑެއްދޫގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ކަމަށާއި، އެންމެ ފުރަތަމަ މަސައްކަތް ކުރެވިފައިވަނީ އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ކަމުގައެވެ. މި މަސައްކަތުގައި ހޯނޑެއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ރަށުގެ މުވައްސަސާތަކާއި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެން ދިޔަ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. އަދި މިފަދަ ދަނޑިވަޅަކަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ކައުންސިލްގެ “ކޮމިއުނިޓީ އިމަޖެންސީ ރެސްޕޯންސް ޓާސްކްފޯސް” އޮންނާނެކަމަށްވެސް ވާރިޝް ވިދާޅުވިއެވެ.
ގދ. ހޯނޑެއްދޫއަކީ ވިއްސާރަ މޫސުންތަކުގައި އާންމުކޮށް ފެންބޮޑުވާ ރަށަކަށް ވީއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާރަށެކެވެ. މި އަހަރުގެ މާރިޗް މަހުގައި އެރަށަށް ކުރި ވައްސާރާގައި ހޯނޑެއްދޫގެ ދަނޑުވެރިންނަށް މިލިޔަނަކާ ގާތްކުރާ އަދަދަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.