English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ވެލި މަގުތައް އެއްވަރުކޮށް، ހެދުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ސިޓީގެ އެތެރޭގެ ބައެއް މަގުތައް އެމްޓީސީސީ އިން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސިޓީ ކައުންސިލުން ހަދަމުން ދަނީ މި ޕްރޮޖެކްޓުގައި ނުހިމެނޭ މަގުތަކެވެ.

އެމްޓީސީސީ އާއި ހަވާލުކުރި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް 279.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. މި ޕްރޮޖެކްޓުގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމުގެ އިތުރުންމަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުމެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއާއި ގުޅޭ ގޮތުން މޭޔަރ އިސްމާއިލް ރަފީގު ވިދާޅުވީ އެ ސިޓީގެ 31 މަގެއްގައި ތާރު އަޅާ ރަނގަޅު ފެންވަރަކަށް ހަދާ ނިމެންދެން އެ މަގުތައް އެއްވަރުކޮށް ބަލަހައްޓަމުން ގެންދާނީ އެމްޓީސީސީއިން ކަަމަށެވެ. އަދި ބާކީ މަގުތައް ބަލަހައްޓަމުން ގެންދަނީ ސިޓީ ކައުންސިލުން ކަމަށާއި ކައުންސިލް ޔުނިޓްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށްގެން މަގުތައް އެއްވަރުކުރުމުގެ މަސައްކަތްކުރިއަށް ދާކަމަށް ރަފީގު ވިދާޅުވިއެވެ.

“މަގުތަކުގައި ފެންބޮޑުވެ މަގުތައް ވަރަށް އަވަހަށް ހަލާކުވޭ. ދެން މި ދުވަސްކޮޅު މޫސުންވެސް ރަނގަޅު ދުވަސްކޮޅަކަށްވުމުން މަގުތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން. މި ގޮތުން ސިޓީ ކައުންސިލްއަށް ފާހަގަކުރެވޭ މަގުތަކާއި ރައްޔިތުންގެ ޝަކުވާތަކަށް ބެލުމަށްފަހު މަގުތައް ހަދަމުން މި ދަނީ. މިއީ ވަކި ޝެޑިއުލް އެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް ނޫން” ރަފީގު ވިދާޅުވިއެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން މަގުތައް ލެވެލްކޮށް ހަދަމުން އަންނަ ގޮތާއި މިހާރު ހަދަމުން އަންނަ ގޮތް ތަފާތުކަން ރަފީގު ވަނީ ފާހަގަކުރައްވާފައެވެ. ” މީގެ ކުރިން މަގު ހަދާއިރު ފުން ވަޅުތަކާއި އެއްވަރަށް ގާތްގަޑަކަށް ހަ އިންޗިވަރަށް ފަސްގަނޑު ކަހާފަ، މަގު އެއްވަރުކޮށްފަ ފަސްގަނޑު ބާރުކޮށްލަނީ. އެކަމަކު މިހާރު އެ ގޮތަށް ނަހަދަން އަންގާފައިވާކަމަށް ކަމާއި ބެހޭ މީހުން ބުނަނީ. ކުރިން ހަދަމުން އައި ގޮތަށް މަގުތައް ހަދާނަމަަ ގިނަ ދުވަހަށް މަގު ރަނގަޅު ފެންވަރުގައި ބޭނުންވެސް ކުރެވޭނެ” ރަފީގު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމިފައިވާއިރު، ރިންގް ރޯޑު ހެދުމުގެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 2،950 މީޓަރުގެ ސަރަޙައްދެއް ހެދުމާއި، މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި 4،425 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިން ކޮންކްރީޓް ގާ އެތުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.