English Edition
Dhivehi Edition
ސ.އަތޮޅު މަދުރަސާގެ ދަރިވަރުން: ފޮޓޯ ލުބްނާ އޭއޯ ނިއުސް
ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާތަނަށް ރަށްރަށުގެ 60 ޕަސަންޓަށް ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މި ފަހަރު ސްކޫލުތަކަށް ފޮތްތައް ފޮނުވުމުގެ އަމަލީ މަސައްކަތް މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ރަށްރަށަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްކޫލުތަކަށް ދަރިވަރުން ވައްދާ އަދަދަށް ބަލައިގެންނެވެ. ރަށްރަށުގެ އިތުރުން މާލޭގެ ގިނަ ސްކޫލުތަކުގައި ވެސް ދަރިވަރުންނަށް ފޮތްތައް ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން ކުރަމުން އައީ އަރަބިއްޔާ ސްކޫލުގައި ކަމަށް ވިޔަސް، މި ފަހަރު އެ މަސައްކަތް ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލުގައި ކަމަށެވެ. އެހެންކަމުން ޖާގައިގެ ދަތިކަން ކުރިމަތިވި ކަމަށާއި، މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާރުކޭޓު ސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާތީ ބޯޓުތަކަށް ފޮތްތައް އެރުވުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސްކޫލުތައް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ހަވާލުކޮށް ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ދަރިވަރުން ސްކޫލަށް ނުކުތުމުގެ ކުރިން، މި މަހުގެ 25 ވަނަ ދުވަހު ޓީޗަރުން ސްކޫލުތަކަށް ނުކުންނާނެއެވެ.