English Edition
Dhivehi Edition

ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ ތަފާތު ވާހަކަތައް ދައްކަނީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވަންކަމަށް އަދާލާތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހުކުމްކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ، ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫން ކަމަށެވެ. ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައުއެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއްކަމުގައިވެސް މި ބަޔާނުގައި ވަނި ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.