English Edition
Dhivehi Edition

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްއާރުއެމް އިން ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ކަން، ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކާއެކު ހިއްސާކޮށްފައިވާނެކަމަށެވެ. އަދި އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ނޫން އެހެން ޕާޓީތަކުން، ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކޮށްފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ގިނަ މެންބަރުން ތާއީދު ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު މި ގޮތަށް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގައި އެމްޑީޕީން ފުރަތަމަ ނެރުނު މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވައުދު އޮތް ނަމަވެސް ކޯލިޝަންގެ މެނިފެސްޓޯގައި އެ ބައިތައް ވަނީ އުނިކޮށްފައެވެ. އަދ ދާދި ފަހުން ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވާހަކަދައްކަވާފައެވެ.