English Edition
Dhivehi Edition

ގދ. ތިނަދޫ މަގުތަކުގައި ތާރު އެޅުމަށް ކުރެވޭ ސާރވޭގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 02 ގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ބޮޑު 14 މަގެއްގެ ސަރވޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު ސޮއިކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ވަނީ ހާމަކޮށްފައެވެ.

މަގު ހެދުމަށް ބޭނުންވާ ސާމާނުތައް ބަހައްޓާ ބިން ތިނަދޫ ކައުންސިލުން މިއަދު ވަނީ އާރް.ޑީ.ސީ. އަށް ވަނީ ދީފައެވެ. އާރް.ޑީ.ސީ. އަށް ދީފައި ވަނީ ތިނަދޫ ހިއްކިބިން ސަރަހައްދުން ބިމެކެވެ.

ގދ. ތިނަދޫ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ ދަށުން މަގު ބައްތި ޖެހުމާއި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައެވެ.

ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 78.8 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ތިނަދޫގައި ޖުމްލަ 40 ވަޒީފާ އުފެދިގެންދާނެ ކަމަށާއި ދިވެހިން ނޫން ބަޔަކު މަސައްކަތަށް ނުނަގާނެ ކަމަށް އާރު.ޑީ.ސީ އިން ވަނީ ބުނެފައެވެ. އާރު.ޑީ.ސީ އިން މިވަގުތު ގދ. ތިނަދޫގައި ކުރިއަށްގެންދާ މަޝްރޫޢު، ތިނަދޫ ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕިންގ މަސައްކަތް ކުރަމުންގެންދަނީ ވެސް މުޅިން ދިވެހިން ލައިގެންނެވެ.