ގދ. ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ވަތަބަނޑޭރި މަގުގައި އެންމެފަހު އޭބީސީ ފަށަލަ ކޮމްޕެކްޓް ކުރުމުގެ މަސައްކަތްކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ބުނެއެވެ.
އެގޮތުން އެ މަސައްކަތުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އާރް.ޑީ.ސީ އިން ބުނެއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން ޖުމްލަ 5.527 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ.
• ޝާރިއުލް އަމީން މަގު: 249 މީޓަރު
• ވައިލެޓް މަގު: 299 މީޓަރު
• އޯކިޑްމަގު: 394 މީޓަރު
• ހަނދުވަރީ މަގު: 396 މީޓަރު
• އަމީރު އަހުމަދު މަގު: 1261 މީޓަރު
• ވަތަބަނޑޭރި މަގު: 3483 މީޓަރު
ގައްދޫ މަގު ހެދުމުގެ މަޝްރޫއު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އާރް.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 2019 ޑިސެމްބަރ 31 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ޝާރިއުލް އަމީން މަގުގައި މަސައްކަތްތައް ނިމި ތާރުއެޅުމަށް ތައްޔާރުވެފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވިއެވެ. އަދި ވައިލެޓް މަގުގައިވެސް ކޭބަލް ޖަންކްޝަން އެޅުމާއި ހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން މަގު ބައްތި ޖެހުމާއި ދުވާރުގެ މަސައްކަތް ނިމިފައިވާއިރު، އެ މަގުގެ އޭބީސީ ލޭޔަރުގެ މަސައްކަތް ނިމިފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.
ގައްދޫގެ ވަށައިގެން އޮންނަ ރިންގް ރޯޑް ނުވަތަ ވަތަބަނޑޭރި މަގާއި ޝާރިއުލް އަމީން މަގުގައިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ. އަދި ޖުމްލަކޮށް މި ތިންމަގުގެ 81 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ބާކީހުރި އަމީރު އަހުމަދު މަގާއި، ހަނދުވަރީމަގު އަދި އޯކިޑް މަގުގައި މިވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އެޅުމާއި، ހޮޅި އެޅުމުގެ އިތުރުން ކާބްސްޓޯން އެޅުމުގެ މަސައްކަތްތައްކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.
ސަރުކާރުން ޖުމްލަ 138،738،153.42 ދިވެހި ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 510 ދުވަސްތެރޭ ނިންމުމަށް އާރް.ޑީ.ސީ އާއި ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.