English Edition
Dhivehi Edition

ހުވަދު އަތޮޅުގެ 5 ރަށެއްގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢުއަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާންކޮށްފައިވާ ގޮތުގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ހުވަދު އަތޮޅުގެ 5 ރަށެއް ކަމަށްވާ ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ގއ. ދެއްވަދޫ،ގދ. ނަޑެއްލާ އަދި ގދ. ފިޔޮރީއެވެ. މީގެ އިތުރުން އިތުރު 38 ރަށެއްގައިވެސް މި މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންޓުން ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައި އެވެ. އެގޮތުން ހުރިހާ ރަށެއް ބަހާލާފައިވަނީ 7 ޕެކޭޖަކަށެވެ. ހުވަދު އަތޮޅުގެ 5 ރަށުގެ އިތުރުން ލާމު އަތޮޅުގެ 3ރަށެއް ހިމެނިފައިވަނީ ޕެކޭޖް 7 ގައި އެވެ.

މިކަމަށް ޝައުގެވެރިވެލައްވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރު ކޮށްފައި އެވެ.

މި މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް ސަރުކާރުން ފުރަތަމަ ގެޒެޓްކުރީ މިއަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްޕެކޭޖަށް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ލިބިވަޑައިގަންނަވާނެ އެވެ.