English Edition
Dhivehi Edition

ބައެއް އަންހެނުންނާއި މުސްކުޅިން ވެހިކަލް ދުއްވާއިރު މަގަށްދޭންވާ ސަމާލުކަން ނުދޭކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށް އައްޑޫސިޓީ ޓްރެފިކް ޕޮލިހުން ވިދާޅުވެއްޖެއެވެ. ޓްރެފިކް ޕޮލިސްގައި އެންމެ އިސްކޮށް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވާ ޕޮލިސް ސާޖެންޓް އިބްރާހީމް ރަޝީދު ވިދާޅުވީ “އަޅުގަނޑުމެންނަށް ވަރަބޮޑަށް ފާހަގަކުރެވޭ އަންހެނުންނާއި އުމުރުން ދުވަސްވީމީހުން މަގަށްދޭންވާވަރަށް ސަމާލުކަންނުދީ ދުއްވާކަން. ގޯޅިއަޅާއިރުވެސް އެހެން އެއްޗެއް ނުކުމެދާނެ ކަމަށް ނުބަލައި އެނުކުންނަ ގޮތަށް ނުކުމެގެން އެބަދޭ. އެއީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް. އޭގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިނގުމަކީ ވަރަށް ގާތްކަމެއް،” ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަން ހައްލުވާނީ އެންމެންވެސް ގާނޫނާއި ގަވާއިދަށް ހޭލުންތެރި ވެގެންކަމަށެވެ. އެންމެންވެސް ގާނޫނާއި ގަވާއިދަށް އަމަލުކުރާ ކަމަށްވާނަމަ އެކްސިޑެންޓްތައް ހިނގުން މަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. “އާންމުކޮށް ޖިސްމާނީ ބޮޑެތި އަނިޔާ ވެފައި ހުންނަނީ ޖެހޭ ދެސައިކަލް ނުވަތަ ދެވެހިކަލްގެ ތެރެއިން ކޮންމެވެސް އެއްވެހިކަލް ބާރަށް ދުއްވައިގެން. އޭގެ މާނައަކީ ގިނަފަހަރަށް ބާރަށް ދުއްވާ ކޮންމެވެސް އެކައްޗެއްގައި އިންނާނީ ޒުވާން އުމުރުގެ ފިރިހެނެކޭ ނުވަތަ އަންހެނެކޭ. އެހެންވީމާ އެފަރާތްތައް ވަރަށް ބޮޑަށް ހޭލުންތެރި ކުރުވައި އަދި ހޭލުންތެރިވާން އެބަޖެހޭ،” އޭނާ ވިދާޅުވިއެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ފުލުހުން ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކަށް ހާޒިރުވާ މީހުން ނިސްބަތުން ވަރަށް މަދުކަމަށެވެ. އެހެންނަމަވެސް ރޯދަމަސް ނިންމާލުމަށްފަހު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފަށާނެ ކަމަށެވެ.