English Edition
Dhivehi Edition
މޯލްޑިވްސް އިންލަންޑް އޮތޯރިޓީ (މީރާ) - ފޮޓޯ: މިހާރު

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އިންކަމް ޓެކުހުގެ ގޮތުގައި ޖުމްލަ 1.37 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 975.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 41.1 އިންސައްތައިގެ ކުރިއެރުމެކެވެ.

އިންކަމް ޓެކުހުގެ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް އައިސްފައިވީ ނަމަވެސް، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ދައްކާފައިވާ ޓެކްސް ވަނީ ދަށަށް ގޮސްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މި ފަރާތްތަކުން ކަމަށްވިޔަސް، މި އަހަރުގެ ފުރަތަމަ ދެ މަހު އެ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބިފައިވަނީ 635.7 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 684.1 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

ކުންފުނިތަކުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، އިންކަމް ޓެކުހުގެ ޖުމްލަ އާމްދަނީ މައްޗަށް ދިޔަ މައިގަނޑު ސަބަބަކީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނެގި ޓެކްސް ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބުނު އާމްދަނީ 181.1 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 200 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ޓެގު