މިދިޔަ ބުރާސްފަތި ދުވަހު ކ. ރަސްފަރީ ފަރަށް އަރާފައިވާ ކާގޯ އުފުލާ ބޯޓާއި ގުޅިގެން ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާފާނެ ކަމަށް ނުބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް ބޯޓެއް އަރާފައިވާ ހާދިސާ އާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ކަމާއި ބެހޭ އިދާރާތަކުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
މި ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބޯޓު ސަލާމަތް ކުރުމަށް ބޯޓުގެ ކެޕްޓަން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި ބޯޓަށް އެއްވެސް މައްސަލަ އެއް ދިމާވިކަން ވެސް އަދި ބޯޓު ފަރަށް އެރިކަން ވެސް ބޯޓުގެ ފަރާތުން ރިޕޯޓްކޮށްފައި ނުވާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އެންވާރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މި ހދިސާ އާއި ގުޅިގެން އެ ބޯޓު ފުރުން މަނާކޮށްފައިވާ ކަމަށެވެ.އަދި ބޯޓާއި، ބޯޓުގެ ފަޅުވެރިންނަށް ފުރޭނީ ހާދިސާ އިން ލިބުނު ގެއްލުން އެނގުމުން ކަމަށް އީޕީއޭއިން ބުނެފައިވާއިރު ހާދިސާގެ ސަބަބުން ލިބުނު ގެއްލުން ދެނެގަނެވޭނީ ބޯޓު ސެލްވޭޖް ކުރުމުގެ މަސައްކަތް ނިމުމުންނެވެ. މި ބޯޓު ރީފްލޯޓްކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު ބޯޓު ސެލްވޭޖްކުރުމުގެ ކުރިން ބޯޓުގައި ހުރި ތެޔޮ ބޯޓުގެ މަތީ ޓޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ފަރަށާއި އެހެނިހެން ގޮތުން ލިބުނު ގެއްލުމުގެ ތަފްސީލް އެނގޭނީ ބޯޓު ސެލްވޭޖްކުރުމުން ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑަންޓް ކާނަލް މުހައްމަދު ސަލީމު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު އެމް.ވީ. ނަވިއޯސް އަމާރީލިސް ރާއްޖޭގެ ސަރަހައްދަށް ވަދެފައިވާކަން ޓްރެކް ކުރެވިފައިވާ ކަމަށާއި އެ ބޯޓާއި މެދު ހާއްސަ ނަޒަރަކުން ބަލާފައި ނުވާނެ ކަމަށެވެ. އެ ބޯޓާއި މެދު ޚާއްސަ ނަޒަރަކުން ބަލާފައި ނުވަނީ އެ ބޯޓަކީ އާއްމު އުސޫލުން ޝިޕިންގައި ހަރަކާތްތެރިވި ބޯޓަކަން ފާހަގަކޮށް ކާނަލް މުހައްމަދު ސަލީމު ވިދާޅުވީ ބޯޓާއި މެދު ސުވާލު އުފެދޭ ކަމެއް ނެތް ކަމަށެވެ.
މީގެއިތުރުން އެ އުޅަނދުގައި ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާފާނެ ފަދަ އެއްޗަކަށް ހުރީ އުޅަނދު ދުއްވަން ބޭނުން ކުރާ ތެޔޮ ކަމަށް ކާނަލް ސަލީމް ފާހަގަކުރެއްވިއެވެ.އަދި އެ ބޯޓޫގައި ކޮންމެވެސް ވަރަކަށް ޑީސެލްވެސް އެބަހުރި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ކާނަލް ސަލީމް ވިދާޅުވީ މިހާތަނަށް އައި އިރު ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާނެ ކަމަށް ނުބެލެވުނު ނަމަވެސް ހިނގާފާނެ ހާދިސާ އަކަށް އިދާރާތަކުން އޮތީ ރާއްޖޭގެ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ވެސް ތައްޔާރުވެފައިވާކަމަށެވެ.