English Edition
Dhivehi Edition
ގެއްލިގެން ހޯދަމުން ދާ ދޯނި

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދުމަށް އެމްއެންޑީއެފުން ކަނޑާއި ވައިގެ މަގުން 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށް ބުނެފިއެވެ.

“AAA-37” ނަމަކަށް ކިޔާ އެ ދޯންޏަކީ އިއްޔެ ހަވީރު 17:20 ހާއިރު ގެއްލިގެން ހޯދަން ފެށި ދޯންޏެކެވެ. އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ބަންގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކާ އެކު ޖުމްލަ ހަތަރު މީހުންނެވެ.

މިއަދާ ހަމަޔަށް ދޯނި ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށާއި، އެގޮތުން މ. އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފައިވެ އެވެ.

ދޯނި ހޯދުމަށް ކުރާ މަސައްކަތުގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާއިރު، އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

މިފަދަ ހާދިސާތައް ހިނގަމުންދާއިރު، ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އިސްކަންދީ، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ވަނީ ހަނދާންކޮށްދީފައެވެ.