ނޫސްވެރިކަމާއި ޚަބަރު ފެތުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ދީނީ އަދި ގައުމީ ވާޖިބެއް ކަމުގައި މިއަދު ގެ ހުކުރު ޚުތުބާ ގައި ފާހަގަކޮށްފިއެވެ.
މިއަދުގެ ހުކުރު ޙުޠުބާގައި ޙަބަރު ފެތުރުމުގެ ޝަރުޢީ ހަމަތަކުގެ މައުލޫއަށް އަލިއަޅުވާލައި ބުނެފައިވަނީ މީޑިޔާ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާ މިއަދު ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. ނޫސްވެރިކަމާއި ޙަބަރު ފެތުރުމުގައި އެއްވެސް އޮޅުވާލުމެއް ނެތި ކަމުގެ ހަޤީޤަތާއި އެއްގޮތަށް، މީސްތަކުންނަށް ސައްޙަ ޙަބަރާއި ތެދު މަޢުލޫމާތު ފޯރު ކޮށްދީ ، މަގު ދެއްކުމުގެ ޒިންމާ އަކީ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށެވެ. އަދި ޙަބަރު ގެނެސްދޭ ފަަރާތްތަކުން އަދާކުރަމުން އެދަނީ މުޖުތަމަޢު އާއި ފަރުދުން އިސްލާހު ކުރުމުގެ ޒިންމާ ކަމުގައެވެ. މުޖުތަމައު ފަސާދަ ކުރުން ނޫން ކަމުގައެވެ. އެހެން ކަމުން މިކަން ކުރަން ޖެހޭނީ ޒިންމާދާރު ކަމާއި އަމާނަތްތެރިކަމާއި ތެދުވެރިކޮށް ކަމުގައި ކަމެވެ. ޝަރުއީ އަދި އަޙްލާޤީ އިމުގެ ތެރެއިން ކަމުގައެވެ. ޝަރުޢީ އުޤޫބާތްތަކަށާއި، މާތް الله އަމުރުފުޅަށް ބަދުބަސް ބުނުމެއް ނެތްކަމަށެވެ. މާތް اللهގެ ދީނަށާއި ، އެދީނުގެ ހުކުމްތަކަށް ފުރައްސާރަ ކޮށްގެން ނުވާނެކަމަށެވެ.
އަދުގެ ދުނިޔެވަނީ ކިތަންމެ ދުރުގައި ތިއްބަސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝޯޝަލް މީޑިޔާގެ ޒަރީއާއިން މީސްތަކުންނާއި ހަމައަށް ޚަބަރުތައް އަންނަހެން ހުޅުވާ ލެވިފައިކަން ބުނެ ޙުތުބާގައި ވަނީ މުޖްތަމަޢުގެ ކޮންމެ ފަރުދަކުވެސް މުޖްތަމަޢުގެ މަސްލަހަތާއި އެެއްބައިވަންތަކަން ދަމަަހައްޓަން ޖެހޭކަމަށް ބުނެފައެވެ. ހަމަ މިޔާއެކު ދުނިޔެ މި ގޮތަށް ބަދަލުވެފައި ވުމުގެ ސަބަބުން ދޮގު ހަބަރުތަކާއި ދޮގު ވާހަކަ ފެތުރުމުގެ ނުރައްކާވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އަލިއަޅުވާލައިފައިވެއެވެ.
ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގެ ނުބައިކަމަށް އަލިއަޅުވާލައި އެކަމުގެ ސަބަބުން އުފެދޭ ފިތުނައިގެ ބޮޑުކަމަށް އަލިއަޅުވާލައި ، އިސްލާމްދީނުގައި ޔޯލަ ވާހަކަ ދެއްކުން ނަޙީ ކުރައްވާ މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައަށް ޚުތުބާގައި އަލިއަޅުވާލައިފައި ވެއެވެ. “ތިބާއަށް އެކަމަކާއިމެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބާ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާއި މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައި ވެއެވެ” އިތުރަށް ރަސޫލު الله ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ގެނެސްދީފައި ވެއެވެ. “މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުން ފާފައެއް ކަމުގައި ވުމަށް ފުދެއެވެ”.
ޚުތުބާ ގައި އިތުރަށް އަލިއަޅުވާލައިފައި ވަނީ. އިންސާނާ ދައްކާ ވާހަކަ އާއި، އެހެން މީހުންނަށް ފޯރުކޮށްދޭ މަޢުލޫމާތުތައް ބިނާ ކުރަން ޖެހޭނީ ޝަރުއީ ހަމަ ތަކުގެ މައްޗަށް ކަމަށެވެ. އެހެން މީހުންނަށް ފޯރު ކޮށްދޭ ޙަބަރާއި ، މަޢުލޫމާތު ވާން ޖެހޭނީ ތެދު ހަޤީޤަތަށް ކަމަށެވެ. އޭގައި އޮޅުވާލުމެއް ދޮގެއް އޮވެގެން ނުވާނެ ކަމަށެވެ.
ވަގު އެކައުންޓް ހަދައި ، މީސްތަކުންނަށް ތިމާއީ ކާކުކަން ނޭނގޭ ގޮތަށް މީސްތަކުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް ޢާއްމު ކުރާ މީހުން މީސްތަކުންނަށް އޮޅުވައިލި ކަމުގައިވިޔަސް، މާތް الله އެކަންކަން މޮޅަށް ދެނެވޮޑިގެންވާކަން ދަނެ ބިރުވެތި ވާން ޖެހޭކަން ޚުތުބާގައި ބުނެފައިވެއެވެ.