އެމްޑީޕީގެ އިސް ދެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް، ދެ ލީޑަރުންނާ ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު މި ދެބޭފުޅުންގެ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލު ކުރަން އެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމަށް ހަސަން ލަތީފުވަނީ ވިދާޅުވެފައެވެ.
އިތުރަށް ހަސަން ލަތީފް ވިދާޅުވީ ރައީސް ސޯލިހްއާ ބައްދަލު ކުރައްވާ މަޝްވަރާކުރައްވާފައިވާކަމަށާއި އަދި ރައީސް އާއި އެކު ކުރެވުނު ވާހަކަތައް ފޯނުން ގުޅުއްވާ ރައީސް ނަޝީދާއިވެސް ހިއްސާކުރައްވާފައިވާކަމަށެވެ.
ދެ ލީޑަރުން ވެސް އެއްބަސްނުވެވޭ ވަރުގެ ބޮޑު ޚިޔާލު ތަފާތުވުންތަކެއް ނޯންނާނެކަން ފާހަގަކުރަމުން ހަސަން ލަތީފް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިގެން އެކަން ކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.