English Edition
Dhivehi Edition

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފިލްމީ ތަރި, މުހައްމަދު ޖުމައްޔިލު ނިމާލްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް، ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އަންހެނެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެ، ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 ށެވެ. ސޯޝަލް މީޑިއާގައި މި ވާހަކަ ހިއްސާކުރަމުން އެ އަންހެންމީހާ ބުނީ ޖުމައްޔިލް އޭނާ އަށް ޖިންސީ ގޯނާކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އުމުރުން 17 ގައިކަމަށެވެ.

ޖުމައްޔިލް އަށް ތުހުމަތު ކުރާ މިމައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވުމުން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް، ވަނީ މިމައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށް ބުނެފައެވެ.ޖިންސީ ގޯނާގެ މައްސަލަ ބަލައި އެކަމާ ގުޅިގެން ދައުވާ ނުކުރި ނަމަވެސް ޖުމައްޔިލްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކުރިން ކުރިއެވެ. ނަަމަވެސް، އިޖުރާއީ ބައެއް މައްސަލަތަކާ ހުރެ ކޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްފައެވެ.

މިމައްސަލައިގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ދައުވާ އުފުލާފައިވާއިރު، ދައުލަތުން މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.. ޖުމައްޔިލްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުންނެވެ.

ޖުމައްޔިލްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ.