English Edition
Dhivehi Edition
ޗިޅިޔާ މޫސާމަނިކަށް ޝަރަފްވެރިކަމުގެ އެވޯޑް ދެއްވަނީ/ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ގިނަ ގުނަ ޚިދުމަތްތަކެއް އެރޮނގުން ކުރައްވާފައިވާ ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ.

މޫސާ މަނިކު ނިޔާ ވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ.

ޗިޅިޔާ މޫސާމަނިކު އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި އެތައް ފިލްމެއް ކުޅެފައެވެ.

ޗިޅިޔާ މޫސާ މަނިކަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސް މެއެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަހަރު ޓެލެވިޜަން މޯލްޑިވްސްއިން ތައްޔާރު ކުރެއްވި “މުޙައްމަދު ތަކުރުފާނު” އާދެ! “ޣާޒީ ބަންޑާރައިން” މި ފިލްމުންނެވެ.

ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިންނެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.

ފިލްމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން މިއަދާ ހަމައަށް ތަފާތު އެތައް ފިލްމެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް އޭނާ ވަނީ ކުޅުއްވާފައެވެ. މިހާތަނަށް 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗިޅިޔާ މޫސާ މަނިކަށް “އާފަތިސް” އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު “ޒަޚަމް” އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު “ހަގު އަނބި”ން އޭނާ ހޯއްދަވާފައިވެއެވެ. މިރޮނގުން އޭނާ އެންމެ ފަހުން ޙާޞިލު ކުރެއްވި ކާމިޔާބީއަކީ، “މިއަދު” ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމްވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.