ޑާކްރެއިން އެންޓަޓެއިންމެންޓުން ތައްޔާރުކުރި ކްރައިމް ތްރިލާ ފިލްމު ‘ގޮށްރާޅު’ ރިލީޒްކޮށްފިއެވެ. ރޭ ރިލީޒްކުރި މި ފިލްމު ބަލަން ދިޔަ ގިނަ މީހުން ފިލްމު ބެލުމަށް ފަހު ފިލްމުގެ މޮޅުކަމުގެ ވާހަކަ ދެއްކިއެވެ. ގިނަ މީހުން “ގޮށްރާޅު” ސިފަކުރަނީ މާސްޓާޕީސްއެއްގެ ގޮތުގަ އެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމު ޕްރިމިއާކޮށްދީފައި ވަނީ ފިލްމުގެ ޑައިރެކްޓަރު އަހްމަދު ޝިނާންގެ ބައްޕަ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަކީ މުޖުތަމައުތެރޭގައި އާންމުވެފައިވާ ބޮޑު މައްސަލައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެކެވެ.
އެ ފިލްމު ގައި ގިނައިން ފެނުނީ އާ ތަރިންނެވެ. އޭގެ ތެރޭގައި އައިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން، ހަސަން އިރުފާން (ޒަކިއްޓެ)، ޖުމައްޔިލް ނިމާލް، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ ތަރިންގެ އެކްޓިން ‘ގޮށްރާޅު’ އިން ފެނިގެންދިޔަ އިރު ބެލުންތެރިން ބުނަނީ ހުރިހާ ތަރިންގެ އެކްޓިން ވެސް ވަރަށް ކުޅަދާނަ ކަމަށެވެ.
މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ އެ ފިލްމުން މުޅިންވެސް ދައްކަނީ މާލޭގެ މަންޒަރުތަކެވެ. މަންޒަރުތައް ނަގާފައިވާލެއް ވަރަށް ފުރިހަމައެވެ.
“ކޮންމެ މީހަކު ވެސް ޖެހޭނެ މި ބަލަން އަންނަން. ނުބަލާ ދޫކޮށްލައިގެން ނުވާނެ. ހާއްސަކޮށް ޔޫތަށް ވަރަށް ކަމުދާނެ. މިވަރުގެ ދިވެހި ފިލްމެއް ނުބަލަން،” ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ކޮމެންޓް ހުރީ މިގޮތަށެވެ.