ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ސިޔާސީ ރޯލަކުން ފެނިގެންދާ ފިލްމެއް ކަމަށްވާ “މަރްޔަމް”ގެ ޕޯސްޓަރެއް މިއަދު އާއްމުކޮށްފިއެވެ.
މިފިލްމުން ފެނިގެންދާނީ އާދައިގެ އަންހެނަކު އޭނާ ހިމެނޭ ދާއިރާގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލުމަށް ކުރާ ދަތުރުގައި ކަންތައްތައް ހިނގައިދާ ގޮތެވެ. މިފަދަ ފިލްމެއް ރާއްޖޭގައި މީގެ ކުރިން އުފައްދާފައެއް ނުވެއެވެ. ފިލްމު ”މަރްޔަމް“ އަކީ ރާއްޖޭގައި އުފައްދާ މިބާވަތުގެ ފުރަތަމަ ސިޔާސީ ފިލްމަށް ވެގެންދާނެއެވެ.
ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ތެރެއިން ރައްޔިތުންނަށް އުއްމީދެއް ގެނެސްދިނުމަށް ނުކުންނަ އަންހެނެއްގެ ވާހަކަ ގެނެސްދޭ މިފިލްމަކީ މަޖުދާގެ ކުޅަދާނަ އެކްޓިން ފެނިގެންދާނެ ފިލްމަކަށް ވާނެއެވެ.
މިފިލްމުގައި މަޖޫ ކުޅެފައިވަނީ މީގެ ކުރިން އޭނާ ކުޅެފައި ނުވާފަދަ މޮޅު އެކްޓެއް ފެނިގެންދާނެ ރޯލެކެވެ. އަދި މީގެ ކުރިން މަޖޫ ފެނިފައިވާނީ ޑާކް ރެއިންގެ ފިލްމުތަކުން އެކަންޏެވެ. އެހެންނަމަވެސް މިފިލްމަކީ ޑާކް ރެއިންގެ އުފެއްދުމެއްގައި ނޫންގޮތަށް މަޖޫ ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެއެވެ. މިއީ މަޝްހޫރު ސްކްރީން ރައިޓަރ އަދި ޑައިރެކްޝަންއަށް ނުކުމުފައިވާ އަޙްމަދު ޒަރީރުގެ ’އެއް ކާފު ޕްރޮޑަކްޝަންސް‘ އުފެއްދުމެކެވެ.
ފިލްމާއި ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދެމުން މަޖޫ ބުނެފައިވަނީ މި ފިލްމުގައި މަޖޫގެ ބެސްޓް ދައްކާފައިވާނެ ކަމަށާއި ދައްކާފައިވާ އެކްޓިން ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.
ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމުގެ ލީޑުން ފެނިގެންދާނީ މަޖޫގެ އިތުރުން މަޤްބޫލު އަދި ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދުއެވެ. މި ފިލްމުގައި ސަޢީދުގެ ވަރުގަދަ އަދި ތަފާތު އެކްޓިންއެއް ފެނިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.
ފިލްމު “މަރްޔަމް” ދައްކަން ހަމަޖެހިފައިވަނީ މީޑިޔާނެޓްގެ ހާއްސަ އެޕްލިކޭޝަނަކުންނެވެ. މިފިލްމުގެ ޕޯސްޓަރު އާއްމުކުރަމުން މީޑިޔާނެޓުން ބުނެފައިވަނީ މިފިލްމު ވަރަށް އަވަހަށް މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕަށް އަންނާނެ ކަމަށެވެ.