English Edition
Dhivehi Edition

ކޮވިޑް 19 ގެ ބަލިމަޑުކަން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފެތުރި ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅައި ގޭ ބިސީ ތަކުގައި ބަންދުވެގެން ތިބެން ޖެހުން ވީ ރައްޔިތުމީހާ އަށް ވެސް ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވި ކަމަކަށެވެ. އުމުރުން ދުވަސްވީ މީހުންނާއި އެކު ހާއްސަ ކޮށް ކުޑަކުދިންނަށެވެ! އާއެކެވެ! ފެތުރެމުންދާ އެެއްޗެއް ކޮންޓްރޯލް ކުރެވޭނީ ފިޔަވަޅު ތަކެެއް އަޅައިގެން ކަންވެސް ޔަޤީނެވެ. ނަމަވެސް ބަލިމަޑު ކަމަކީ އެކައްޗެއް ކަމުގައިވާއިރު ތަފާތު ކުރުން ގެންގުޅެނީ ކީއްވެ ހެއްޔެވެ؟

ކޮވިޑް 19ގެ ބަލިމަޑު ކަމާއިއެކު ހޭނިގެން އުޅެން ޖެހޭ ކަމަށް ބުނެ ގްރޭޓަރ މާލެ އޭރިއާއިން މިވަނީ ލުޔަކަށްފަހު ލުޔެއް ދެމުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މިވަނީ ނަގާފައެވެ. ދިން ލުއިތަކާއި އެކު މާލެ ތެރޭގައި ކޮވިޑް 19 އޮތް ކަމަށް ބަޔަކަށް އިޙުސާސް ނުވާހާ މާލެ ހަލަބޮލިއެވެ. ރައްކާތެރިކަމަށް މާސްކް އެޅުން އިލްތިމާސް ކޮށްފައި އޮތުމުން މަދު މީހެއް ނޫނީ އެންމެންވެސް ފެންނަނީ މާސްކް އަޅައިން ތިބި ތަނެވެ. ނަމަވެސް ދެން ގޮސް އެއްވަނީ ކެފޭ ރެސްޓޯރަންޓް ތަކުގެ ތެރެއަށެވެ. މާސްކް ނަގާލައިން ކާލައި ހަދައި މަޖާ ކުރަނީ ކޮވިޑް 19 ކިޔާ ބައްޔެއް ހަނދާން ނެތިކަން ޔަޤީނެވެ. 2020 ދިޔައީ ކޮވިޑް 19 ގެ ސަބަބުން ސްކޫލްތައް ވެސް ބަންދު ކޮށްގެންނެވެ. ނަމަވެސް އައު ދިރާސީ އަހަރާއެކު ސްކޫލްތައް ހުޅުވިގެން ދިޔުމަކީ ބަންދުގައި ތިބި އެތައް ކުދިންނަށް އުފާވެރިކަން ގެނުވި ކަމެކެވެ! ސުވާލަކީ މިއުޅެނީ މާލެއިން ކޮވިޑް 19 ފިލައި ގޮސްގެން ހެއްޔެވެ! ނޫނެކެވެ! ބައްޔާއެކު އުޅެން ޖެހޭ ކަން ދަނެގެން ކުރިއަށް ދަނީއެވެ.

ތަފާތު ކުރުން އަންނަ ހިސާބު ކޮބާ ހެއްޔެވެ! އާއެކެވެ! ތިން މަސް ދުވަސްފަހުން ކޮވިޑް 19 ގެ ފައްސި ކޭސްތައް ފެނި ހުވަދު އަތޮޅުގެ ވިޔަފާރި މައި ހަބެއް ގޮތުގައި ފެންނަ ތިނަދޫ މޮނިޓަރިން އިން ނަގައި ރަށް ހުޅުވާލީ އާންމު ދިރި އުޅުމަކަށް އެދިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ވާއިރަށް އަވަށްޓެރި ރަށްތަކުގެ މީހުން ސްކޫލް ކުދިން ފޮތް ލިސްޓްގެ ވައުޗަރ ވެސް ނެގީ ހިތްހަމަ ޖެހުމާއެކުއެވެ. ރަށަށް އަރައިން ވިޔަފާރި ނުކުރެވުނު ފަރާތުން އުނު އަންނައުނު ގަނެގެން ގޮސް ހަމަ ޖެހިލައިން އެއްޗެހިން ޓެގް ނުނެއްޓެނީސް މިވަނީ އަނެެއްކާ ފައްސި ކޭސް އަކާއި އެކު ރަށް މޮނިޓަރިން އަށް ލާފައެވެ. އުންމީދަކާއި އެކު ދިރާސީ އައު އަހަރަށް ތައްޔާރުވި ސްކޫލް ތައް މިޖެހުނީ ބަންދު ކުރާށެވެ. ހިނިތުންވުމާއި ޖޯޝާއެކު އައު ޔުނީފޯމް ލައިގެން ދިޔަ ކުދިން މިޖެހުނީ އަނެއްކާވެސް ގޭގައި މަޑު ކުރާށެވެ. ކޮންމެ ކުއްޖަކުހެން ކޮށްލީ އެންމެ ސުވާލެކެވެ! މާލޭގައިވެސް ، އެހެން އާބާދީ ބޮޑު ރަށްތަކުގައިވެސް ކޮވިޑް 19 އަށް ފައްސި ކޭސް ތައް ފެނި ސްކޫލްތައް ބަންދު ނުކުރާއިރު އަނެއްކާވެސް ސްކޫލް ބަންދު ކުރީ ކީއްވެހެއްޔެވެ! ރައްކާތެރި ކަމުގެ ފިޔަވަޅާ އެކު ކުރިއަށް ނުގެންދެވޭނެ ތޯއެވެ؟

ތިނަދޫ ކައުންސިލް ގެ ރައީސް އާއި ތިނަދޫ ކައުންސިލަރުން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ހިއްސާކުރީ އުދާސްކަންމަތީ އެވެ. އެޗް ޕީ އޭ އިން ރަށް މޮނިޓަރިން އަށް ލާން ނިންމިކަން އިއުލާން ކުރީ ކައުންސިލްގެވެސް މަޝްވަރާއެއް ނެތި ކަމެވެ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ފައްސިވާ ކޭސްތަކާއި އެކު ރަށްތައް މޮނިޓަރިން އަށް ލެވޭ އިރު ތަފާތު ކުރުން ތަކެއް ފާހަގަ ވާ ކަމަށެވެ. އަދި މިއުފެދޭ ސުވާލު ތަކަށް އެޗް ޕީ އޭ އާއި އެކު މަޝްވަރާ ކުރާނެ ކަމަށެވެ. ތިނަދޫ ކައުންސިލް ނައިބް ރައީސް ނަސްރު الله އަލީ ވިދާޅުވީ އެޗް ޕީ އޭ އިން ތިނަދޫ ކައުންސިލާއި މަޝްވަރާ ނުކޮށް ގޮތް ނިންމި ކަމުގައި ވިޔަސް ތިނަދޫ ކައުންސިލުން އެއްވެސް އިރެއްގައި އަމިއްލަ ނިންމުން ތަކެެއް ނިންމާފައި ނުވާނެ ކަމަށެވެ. އަބަދުވެސް އެޗް ޕީ އޭ އާއި ތިނަދޫ އީ އޯސީގެ މަޝްވަރާ ހޯދާ ކަމަށެވެ. ތިނަދޫ ކައުންސިލް މެމްބަރު އަހްމީމާ އަހުމަދު ވިދާޅުވީ ތިނަދޫ ކޮވިޑް 19 ގެ ސަބަބުން އައި ތިން މަސް ދުވަހުގެ މޮނިޓަރިން އާއި އެކު މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަންވެސް އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ރަށް ހުޅުވާލުމަށްފަހު އަނެއްކާވެސް ރަށް މޮނިޓަރިންއަށް ލެވިގެން ދިޔުމަކީ އިންތިހާއަށް ހިތާމަކުރާ ކަމެެއް ކަމަށެވެ. އަދި އެޗް ޕީ އޭ އިން ކައުންސެލަރުންނާއި މަޝްވަރާ ނުކޮށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ޅަދަރިންނަށާއި އުމުރުން ދުވަސްވީ ބޭފުޅުންނަށް ނަފްސާނީ ގޮތުން އެތައް އަސަރެއް ކުރާކަން ހިތާމަޔާއި އެކު ފާހަގަ ކުރާކަމެވެ.

އާއެކެވެ! އެންމެންވެސް މިބުނަނީ އެއްވާހަކަ އެކެވެ! ބައްޔަކީ އެއް ބައްޔެއް ކަމުގައި ވާނަމަ ހަމަހަމަ އުސޫލުން ކަން ކުރަން ޖެހެއެވެ.ތަފާތު ކުރުން ހުއްޓާލަން ޖެހެއެވެ. ކޮވިޑް 19 ގެ ފައްސި ކޭސްތަށް ފެނި މޮނިޓަރިން އަށް ލާނަމަ ފައްސި ކޭސް ފެންނަ ހުރިހާ ރަށެއް މޮނިޓަރިން އަށް ލާން ޖެހެއެވެ. މާލެ އިސްތިސްނާ ކޮށްގެން ނުވެއެވެ. މާލެ އާއި ރާއްޖެތެރޭގެ ތަފާތު ކުރުން ހުއްޓާލަން ޖެހެއެވެ. ކޮވިޑް 19ގެ ފައްސި ކޭސް ތަކާއި އެކު އާބާދީ ބޮޑު ވިޔަފާރި ހަބް ފަދަ ރަށްތައް ބަންދުކުރުމުން އިގްތިޞާދަށްވެސް އިންތިހާ އަށް ހީނަރުކަން އާދެއެވެ. އެއަތޮޅެއްގައި ވަށައިގެންވާ ރަށްތަކުގެ ރައްޔިތުންނަށްވެސް އިންތިހާއަށް ދަތިކަން ކުރިމަތިވެއެވެ. އުންމީދާއެކު ކިޔަވަން ފަށައިފައިވާ ދަރިވަރުންނަށްވެސް މާޔޫސްކަން ގެނުވައިފިއެވެ. ތަފާތު ކުރުމެއް ނެތި ރައްކާތެރި ކަމުގެ ފިޔަވަޅާއި އެކު ނިއު ނޯމަލްގައި އުޅުމުގެ ހައްޤު ލިބެންޖެހެއެވެ. ރަށްތައް ބަންދު ކުރުމަކީ ހައްލެެއް ނޫނެވެ.

 

.