ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ގދ ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނައި ގޮތާއި މެދު ތިނަދޫ ކައުންސިލުން ނުރުހުން ފާޅުކޮށްފިއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ތިނަދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުން ވަނީ އެޗް.ޕީ.އޭ އިން ގދ ތިނަދޫ އާއި މެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ބައްދަލުވުމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެންނަން ނިންމެވިކަން އެމަނިކުފާނަށް އެނގިވަޑައިގަތީ މީޑިއާއިން ކަމަށެވެ.
އެ ކައުންސިލްގައި ހުރި ކަންބޮޑުވުންތައް ނޫސްވެރިންނާއި ހިއްސާކުރައްވަމުން ސައުދު ވިދާޅުވީ މޮނިޓަރިންގއަށް ރަށް ގެނައުމުގައި އާއި ގެނައުމަށްފަހުގައި ވެސް ތިނަދޫ ކައުންސިލާއި އެޗް.ޕީ.އޭ އާއި ދެމެދު އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާކަމަށެވެ.
ތިނަދޫއާއި މެދު އެޗް.ޕީ.އޭ. އިން ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ ތިނަދޫއިން ފައްސި ކޭސްއެއް ފެންނަ އިރަށް މޮނީޓަރިންގ ހާލަތަށް ވަގުތުން ވަގުތަށް ގެނެވޭއިރު އެހެނިހެން ރަށްރަށުގެ ހާލަތު މާބޮޑަށް ގޯސްވެގެންދާއިރު ވެސް އެފަދަ ފިޔަވަޅުތައް އަޅާފައި ނުވާކަމަށެވެ. އެހެންކަމުން މިކަމަކީ ތިނަދޫއާއި މެދު ގެންގުޅޭ ތަފާތުކުރުމެއް ކަމަށް ބެލެވޭ ކަމަށް ސައުދު ވިދާޅުވިއެވެ.
މިގޮތަށް ގިނަ ދުވަސްތަކަކަށް ރަށް ބަންދުކުރުމުގެ ސަބަބުން ރަށުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ސައުދު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ނަފްސާނީ ގޮތުން ގެއްލުންވެފައިވާ ކަމާށާއި މިގޮތަށް ރަށް ބަންދުކުރުމުގެ ކުރިން ރަށުގެ ކައުންސިލާއި ރަނގަޅު މަޝްވަރާތަކެއް ކުރެވެން ޖެހޭ ކަމަށްވެސް ކައުންސިލްގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެންމެފަހުން ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މީގެ މަހެއްހާ ދުވަސްކުރިން ތިނަދޫ 90 ދުވަހަށް މޮނިޓަރިން ހާލަތުގައި އޮތެވެ.