English Edition
Dhivehi Edition

ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލް ތަކުގައި ސްޓިކާ ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެކަމަށް އައްޑޫސިޓީ ޓްރެފިކު ޕޮލިހުން ވިދާޅުވެއްޖެއެވެ. ޕޮލިސް ސާޖެންޓް އިބްރާހީމް ރަޝީދު ވިދާޅުވީ ސްޓިކާ ޖެހުމަށް މިހާރުދަނީ ތައްޔާރުވަމުން ކަމަށެވެ. އެކަމަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ޓްރެފިކް ހަރަކާތްތަކުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “ކަންކަންމަތީގައާއި، ހިނގާ މީހުންނާއި ދުއްވާ އެހެންމީހުންނަށް އުނދަގޫވާ ގޮތަށް އެއްޗެހިތައް ޕާކުކޮށްފައިހުރޭ. އެއީ ވަރަށްބޮޑު މައްސަލައެއް. އޭގެ ސަބަބުން އެކްސިޑެންޓްވުމުގެ ފުރުސަތު ވަރަށްބޮޑޭ އަޅުގަނޑު ދަންނަވާނީ. ޒޯން ހުންނައިރުވެސް ޒޯނުން ބޭރުގައި އެހުންނަނީ ޕާކްކޮށްފައި. އޭގެ ސަބަބުން ދުއްވަން އޮންނަ ސަރަހައްދުވަނީ ހަނިވެފައި. އެހެންވީމާ ގަވާއިދާ އެއްގޮތަށް ޕާކުކުރުން ވަރަށް މުހިންމު،” އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްޓިކާ ޖަހާނީ ޕާކިންޒޯން ކަނޑައަޅާފައިވާ މަގުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ކަމަށެވެ. “ވަރަށް އަވަހަށް ސްޓިކާޖަހަން ފަށާނަން. ސްޓިކާ ޖަހަންފަށާއިރު ޑަބަލް ޕާކިންކޮށްފައި ހުންނަ އުޅަނދުފަހަރަށް ފުރަތަމަ ބަލާނީ،” އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޯދަމަސް ނިމިގެން މާގިނަ ދުވަސްތަކެއް ނުވެ ސްޓިކާ ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.