English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 9 ވަނަ ދުވަހުގެރޭ 09:40 ހާއިރު ގަން އެއާޕޯޓު ޖެޓީ މަތިން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކު ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 9 ވަނަ ދުވަހުގެ 01:15 ހާއިރު 39 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އޭނާ ހުއްޓުވައި ހަށިގަނޑު ބަލަައިފާސްކުރިިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.