English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 20:41 ގައިކަމަށެވެ. އަދިހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން 1 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުންނެވެ.

އެމްއެންޑީއެފުން ވަނީ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން ގެނައި ލޯންޗެއްގައި މާލެ ގެނެސްދީފައެވެ. އަދި އެކްސިޑެންޓްވި ލޯންޗު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށުން ވަނީ މާލެ ގެނެސްދީފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ޙާދިސާ އިތުރަށް ބަލަމުންނެވެ.