ނޫސްވެރިން، ސައްހަ ނޫން ހަބަރު ފެތުރުމަކީ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލުންކަމަށާއި އެފަދަ ޚަބަރުތައް ފެތުރުން ހުއްޓާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދު ރާއްޖޭގެ މީޑިއާތަކަށް ގޮވާލައްވައިފިއެވެ.
ބައިނަލްއަގްވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދު ވިދާޅުވީ ދުނިޔޭ ބައެއް މީޑިއާތަކުން ސައްހަ ނޫން ހަބަރުތައް ފަތުރަމުން ގެންދާކަމަށާއި މިފަދަ ޚަބަރުތައް ފެތުރުން ހުއްޓުވަން ޖެހޭ ކަމަށެވެ.
“ރާއްޖޭގެ ބައެއް މީޑިއާތަކުންވެސް މިހާރު މިކަން މިދަނީ ކުރަމުން. ރާއްޖޭގެ މީޑިއާތަކުން މިފަދަ ހަބަރުތައް ފަތުރަނީ ދެ ސަބަބެއް އޮވެގެން. އެއީ ހަބަރު ރައްދުވާ މީހާއަށް ދެރައެއް ދިނުމަށް ނުވަތަ މަޝްހޫރު މީހަކާއި ބެހޭގޮތުން ހަޤީގަތެއް ނެތް ވާހަކަތަކެއް ލިޔެގެން ހަބަރު ލިޔާ ނޫސްވެރިޔާ އަމިއްލައަށް މަޝްހޫރުވުމަށް” މަސީޙް ވިދާޅުވިއެވެ.
މަސީހް ވިދާޅުވީ ވާހަކަ ހަދައިގެން ދެއްކުމަކީ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންކުރަން ޖެހޭކަމެއްކަމަށް ވީ ނަމަވެސް އެކަން ރާއްޖޭގައި ކުރަނީ މީޑިއާތަކުންކަމަށެވެ.
ރާއްޖެ ތަރައްގީވަމުން އަންނައިރު ތަރައްޤީއާއި ގުޅޭ ސައްހަ ހަބަރުތައް ގެނެސްދޭން ޖެހޭކަމަށާއި ތަރައްގީގެ ހަބަރުތައް ސައްހަ ނޫން ގޮތްގޮތަށް ލިޔެ ގެނެސްދިނުމުން ޤައުމީ މަސްލަހަތަށް ގެއްލުންވެ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއެޅިގެންދާކަމަށްވެސް މަސީހު ވިދާޅުވިއެވެ.