ގައުމުގެ ހަމަޖެހުމާ އެއްބައިވަންތަކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.
ސުއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކުރަން މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ސޮއިކުރައްވާ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުއްވާފައިވާތީ މެންބަރުންގެ އިތުބާރު މަސީހަށް ނެތް ކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި މައްސަލައަށް އިހްތިރާމު ކުރެއްވުމުގެ ގޮތުން މަސީހު ވަގުތުން އިސްތިއުފާ ދެއްވުމަށްވެސް ސުއޫދު ވަނީ ގޮވާލައްވާފަ އެވެ.
ވީނިއުސް ގައި ސުއޫދު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ބޭނުންވާ ގޮތް ދިވެހި ގައުމުން މިއަދު ފެންނަމުންދާ ކަމަށާއި ރައްޔިތުންގެ ނިންމުންތަކަށް އިޙްތިރާމުކުރުމުގެ ގޮތުން މަސީހް އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް ގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އިދިކޮޅު މެމްބަރުން މަސައްކަތް ކުރަން ފެށި ހިސާބުން ފެށިގެން މަޖިލިހުގައި ހަމަނުޖެހުން ހިނގައި އަދި އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުން ވަނީ ހުއްޓާލާފައެވެ.