English Edition
Dhivehi Edition

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް އިންޒާރުދީ ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 21:13 ހާއިރު ދަނގަޑު ބުރިޔަކުން ހަމަލާ ދީ، މާރާމާރީ ހިންގާފައިވާ މައްސަލައެއް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަން ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ރޭ ދަންވަރު 02:18 ހާއިރު އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މަސްއޫދަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަ ގޮތުން މަސްއޫދު ސައިކަލުގައި ދަނިކޮށް މީހަކު ވަނީ އޭނާއަށް ދަނގަޑުގަޑަކުން ހަމަލާދިނުމަށް މަސައްކަތްކޮށްފައެވެ. މި ހަމަލާގައި މަސްއޫދުއަށް އަނިޔާވެފައިވާއިރު އޭނާއަށް ވަނީ ފޮނަދޫ ހެލްތު ސެންޓަރުގައި ފަރުވާދީފައެވެ.

މީގެ ކުރިންވެސް ފޮނަދޫގައި މަސްއޫދުގެ ކާރެއްގައި ރޯކޮށް އަންދާލާފައިވާއިރު، މަސްއޫދުއަށް ހަމަލާދިން މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.