English Edition
Dhivehi Edition

ދ. ކުޑަހުވަދޫ ފަޅުން 62 ހެކްޓަރު ބިންހިއްކައިގެން ހަދާފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މިއަދު ޓެސްޓްފުލައިޓް ޖައްސައިފިއެވެ. މި ފުލައިޓުގައި ފަތުރުވެރިކަމާ ވަޒީރާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި، މަޖިލީހުގެ އިތުރު މެންބަރުން ވަޑައިގެންނެވި ކަމަށް ޕީއެސްއެމްއިން ހާމާކުރައްވައިފައިވެއެވެ. މިއީ ގާތްގަނޑަކަށް ވިހި މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމްކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓަށް ޝެޑިއުލް ދަތުރު ފެށުމަށް މޯލްޑިވިއަންއިންދަނީ ތައްޔާރުވަމުންނެވެ. ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި ދަތުރުތައް ފެށޭނެ ކަމަށް މޯލްޑިވިއަންއިން ލަފާކުރައްވައެވެ. 1800 މީޓަރުގެ ރަންވޭއަކާއެކު ޕްރައިވެޓް ޖެޓްތައް ޕާކުރާނެ ސަރަހައްދެއްވެސް އެއާޕޯޓުގައި ހެދުމަށްވަނީ ހަމަޖެހިފައެވެ. ޕީއެސްއެމްނިއުސްގައި ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ރަންވޭގެ ދެ ފަރާތުގައިވާ މަގުތައް ލެވެލްކުރުމާއި، އެއަރޕޯޓާ އިންވެގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތްތައް ކަމަށެވެ. އޭގެއިތުރަށް އެއަރޕޯޓު ޓަވަރާއި، ޕަސެންޖަރ ޓަރމިނަލަށް ބޭނުންވާ އިކުއިޕްމަންޓްސްތަކާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްތައް މިހާރުވަނީ ގެނެސްފައެވެ. އެތަކެތި އޮޕަރޭޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޕީއެސްއެމްނިއުސްގައި ބުނެފައިވެއެވެ. އެއަރޕޯޓް އޮޕަރޭޝަނަށް ގެނެއުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމާއި، އެތަނުގައި ގާއިމުކުރަންޖެހޭ ހުރިހާ ވަސީލަތްތަކެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ޕީއެސްއެމްއިން ބުނެފައިވެއެވެ.