English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: އަޙްމަދު ޝުރާޢު (އަވަސް)

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ އެންމެނަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރީން ބުނެފިއެވެ.

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ރިވިއު ކުރުމަށްފަހު ޝަކުވާއަށް ހުޅުވާލާފައިވާ މުއްދަތުގައި ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނުގައި ހައުސިން މިނިސްޓްރީން ބުނީ ކުރިން ނެރުނު ލިސްޓުގައި ފްލެޓް ލިބިފައިނުވާ އެއްވެސް މީހަކަށް ރިވިއު ކުރުމަށްފަހު ނެރުނު ލިސްޓުގައި ފްލެޓް ލިބިފައިނުވާނެ ކަމަށެވެ.

ވެރިފިކޭޝަން މަސައްކަތުގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅު ކުރަން ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މުއްދަތަށް ފަހު ބާކީވާ ފްލެޓެއްވާނަމަ، އެ ފްލެޓްތަކާމެދުވެސް އަމަލުކުރާނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާއަށް ގެންދިއުމަށްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެއަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓް ކަނޑައަޅާނެކަމަށާއި އެކަމުގައި ފޯމް ހުށަހެޅިއިރު ދީފައިވާ މައުލޫމާތު ބަދަލުކުރުމަށް، އަދި އިތުރު ލިޔުން ހުށަހެޅުމަށް ފުރުސަތު ނުދެވޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 4000 ފްލެޓު ލިބުމުގެ ފުރުސުތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށައެޅުމުގެ ތަކުލީފު ތަހަންމަލުކުރަންނުޖެހޭނެ ކަމަށެވެ.