English Edition
Dhivehi Edition

މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލު, މި މަހު ބޮޑުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ހަމަޖައްސާފައިވާ ސަބްސިޑީ މި މަހު އުނިކުރުމުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މި މަހުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާކުރަމުން އަންނައިރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސްވަނީ އެކަމާއި ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން އެ ކުންފުނިން ބުނީ ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއްކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ކަރަންޓު ބިލަށް ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަނެކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ދިމާވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މުޅި ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލު ކުޑަ ކޮށްދިނުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.