ހުޅުމާލެ ފޭސް 2 ގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ދެ ހައި ވޯލްޓޭޖް އެޗްވީ ޓްރާންސްފޯމަރަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް2 ގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެފައިވާއިރު ހުސެއިން ފަހުމީ ވިދާޅުވީ މި އަމަލު ހިންގި ފަރާތްތަކުން ގޭޓުތަކާއި ތަޅުތައް ހަލާކުކޮށް އެޗްވީ ސިސްޓަމަށް ގެއްލުން ދީފައިވާކަމަށެވެ.
މީގެ އިތުރުން ފަހުމީ ވިދާޅުވީ މި އަމަލު ހިންގި ފަރާތަކުން ވަނީ އެޗްވީ ސްވިޗުތައް ހަރުދަނާކަމާއެކު ނިއްވާލާފައި ކަމަށާއި މިކަމުން ދޭހަވަނީ މި އަމަލު ހިންގި ފަރާތަކަށް ޓްރާންސްފޯމަރު ސިސްޓަމްތަކާއި އެތަކެތި މަސައްކަތް ކުރާ ގޮތުގެ ޓެކްނިކަލް މައުލޫމާތު ރަނގަޅަށް އިނގޭ ކަމަށެވެ. އަދި މިފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި މީގެ ސަބަބުން ކަރަންޓު ޖެހުމާއި ބޮޑެތި އަނިޔާތަކާއި، އަދި މަރުވުމުގެ ނުރައްކާތެރި ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގާފައިވާކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.