ގދ.ތިނަދޫގެ މޮނީޓަރިންގ އުވާލާ، ރަށް ހުޅުވާލުމުގެ މަޝްވަރާތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކުރެވެމުން އަންނަކަމުގައި ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު ވިދާޅުވިގޮތުގައި އިއްޔެ މެންދުރު 2 ޖެހިއިރުން ފެށިގެން ތިނަދޫއިން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާއަށް ބަލާފައި ރަށުގެ މޮނީޓަރިންގ އުވާލެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ.
މީގެއިތުރުން އިއްޔެ މީސްމީޑިއާ ގައި ދައުރުވަމުންދިޔަ ވީޑިއޯއާ ގުޅޭގޮތުން ސައުދު ވިދާޅުވަނީ ތިނަދޫގެ މިސްކިތްތަކުގައި ނަމާދު ކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށްވާތީ މާބޮޑު ނުރައްކަލެއް އޮތްކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.
އެވީޑިއޯއިން ފެންނަގޮތުގައި މޫނުބުރުގާ އަޅައިގެންހުރި އަންހެނަކު އޭނަގެ ކުޑަ ދަރިފުޅު ގޮވައިގެން ގޮސް ތިނަދޫގައި ހުންނަ މަރިޔަމް މިސްކިތަށް ވަދެ މިސްކިތުގެ ހުރުމަތް ކަނޑާލާތަނެވެ. އަޝުހާ އީދު ދުވަހު އީދު ނަމާދުގެ ޚުތުބާ ކިޔަނިކޮށް މިސްކިތް ތެރެޔަށް ވަދެގެންދިޔަ އަންހެންމީހާ އާއި ދަރިފުޅު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އެމިސްކިތުގައި އީދުނަމާދު ކުރި އެންމެންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުން ދަނީ ކުރިޔަށް ގެންދަމުންނެވެ.
ތިނަދޫގެ މޮނީޓަރިންގ އުވާލާ ރަށް ހުޅުވާލުގެ މަޝްވަރާތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކުރެވެމުން އަންނަކަމުގައި ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.