English Edition
Dhivehi Edition
ތިނަދޫގައި ހަދާ ހައުސިން ޔުނިޓްތައް ފޮޓޯ: ހައުސިން މިނިސްޓްރީ

ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓު މަސައްކަތުގެ 47 އިންސަތަ މަސައްކަތް ނިމިއްޖެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

ޑިޒައިނިން އެންޑް ބިޑް އެސޫލުން ކުރިއަށްގެންދާ އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާގެ އަގަކަށެވެ.

މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގަ އެވެ. ތިން ކޮޓަރި އާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހުންނާނެއެވެ. މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއުމުކުރާނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެއެވެ.