English Edition
Dhivehi Edition

ތިނަދޫ ސިޓީގެ ބަނދަރުމަތީގައި ހަރުކޮށްފައިވާ މޮނިއުމަންޓެއް ހެދުމުގައި އެ ސިޓީގެ މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ ގދ. ތިނަދޫ ސިޓީ ކައުންސިލުން ތިނަދޫގެ ބަނދަރުމަތީގައި ޖެހުމަށް ހަދައި ހަރުކޮށްފައިވާ މޮނިއުމެންޓު ހެދުމަށް ވާއްޓޭ އިންވެސްޓްމެންޓަށް ނޭނގި އެފަރާތުގެ ނަމުގައި ބިޑް ނަގައި އެމަސައްކަތް ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވައި ކުރުވާފައިވާ ކަމަށެވެ.

އެގޮތުން، އެ މޮނިއުމަންޓުގެ މަސައްކަތް ތިނަދޫ ފުލެޓުތައް ކައިރީ އޮންނަ ކައުންސިލްގެ ބިމެއްގައި ކުރުވި ކަމަށާއި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށްގެން އެ އިންވެސްޓުމަންޓުގެ ލިޔުމެއް ނެތި އެހެން ފަރާތެއްގެ އެކައުންޓަށް މަސައްކަތުގެ ޕޭމަންޓު ޖަމާކޮށްފައިވާ މައުލޫމާތު ލިބިފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލްގެ ބީއެމްއެލް އެކައުންޓުން އެ ޕޭމަންޓު ޖަމާކޮށްފައިވަނީ ޝޮމާސާ އިންވެސްޓުމަންޓްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް ވެސް ސިޓީގައިވެއެވެ.

ޝޮމާސާ އިންވެސްޓުމަންޓަކީ އެ ސިޓީގެ މޭޔަރު ސައުދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ޝޮމަޝާ އިންވެސްޓުމެންޓުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ތިނަދޫ ކައުންސިލުގެ އެކައުންޓުން މި ފައިސާ ޖަމާކޮށްފައިވަނީ މޮނިއުމެންޓު ހެދުމުގެ މަސައްކަތް ނިންމާލި ކަމުގެ ދެފަރާތުގެ ލިޔެކިޔުންތައް ނެތިކަންވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމަކީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ބޮޑު ކޮރަޕްޝަނުގެ އަމަލެއް ކަަމަށް ޤަބޫލުކުރެވޭތީ މި މައްސަލަ ތަހުޤީގުކޮށް ބަލައިދިނުމަށް ވަނީ އޭސީސީގައި އެދިފައެވެ.